އައިލެންޑް އޭވިއޭޝަނުން ބ. ދަރަވަންދޫ އެއާޕޯޓުގެ ފަސިންޖާ ޓާމިނަލް ތަރައްގީކުރުމަށް ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ހުޅުވާލައިފިއެވެ.

އައިލެންޑް އޭވިއޭޝަނުން ކުރި އިއުލާނުގައި ބުނީ އެ މަސައްކަތައް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ޖޫން މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭގަނޑު 23:59 ކަމަށެވެ

އެގޮތުން ޕްރޮޕޯސަލްތައް ބަލައިގަންނާނީ ހަމައެކަނި އެ ސުންގަޑީގެ ކުރިން އީމެއިލް މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެކަނި ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.

ދަރަވަންދޫ އެއަރޕޯޓުގެ އައު ޓާމިނަލް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، މިހާރު ހުރި 959 އަކަމީޓަރުގެ ޓާމިނަލް 1،874 އަކަމީޓަރަށް ބޮޑުކުރާނެއެވެ.

2012 ވަނަ އަހަރު ހުޅުވި، ދަރަވަންދޫ އެއާޕޯޓުން ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް އަށަކަށްވުރެ ގިނަ ފްލައިޓް އޮޕަރޭޓްކުރެއެވެ. އެ އެއާޕޯޓު ހުޅުވިފަހުން މިހާތަނަށް 42،000 އަށްވުރެ ގިނަ ފްލައިޓް އޮޕަރޭޓްކޮށް، 1.8 މިލިއަން ފަސިންޖަރުންނަށް ވަނީ ޚިދުމަތްދީފައެވެ.