މި އަހަރުގެ އަޟްޙާ ޢީދާ ގުޅިގެން، މާލޭގެ ބައެއް ސަރަޙައްދުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ނިންމައިފިއެވެ.

މާލޭގެ ބައެއް ސަރަހައްދުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައިކަން ހާމަކޮށް ފުލުހުން ވަނީ ޕާކުކުރުން މަނާ ސަރަޙައްދުތައް އެނގޭގޮތަށް ޗާޓެއް އާންމުކޮށް،އީދު ދުވަހުގެ ޓްރެފިކް ފްލޯއާ ބެހޭގޮތުން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ހިއްސާކޮށްފައެވެ.

އެގޮތުން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ޢީދު ނަމާދާއި ޢީދު ކުޅިވަރުތައް ކުރިއަށްދާ ވަގުތުތަކުގައި މާލެ ސަރަހައްދުގެ ބައެއް މަގުތައް އާންމު ދަތުރުފަތުރަށް ބަންދުކުރެވޭނެ ކަމަށެވެ.

މާލޭގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރާ މާފަންނު ސްޓޭޑިއަމްގެ ވަށައިގެންވާ މަގުތައް ޢީދު ނަމާދު ގަޑިއަށް ބަންދުކުރާނެކަމަށާއި ސްޓޭޑިއަމް ވަށައިގެން މާފަތްތަކުރުފާނު މަގާއި އަމީނީ މަގު އަދި ހިލާލީ މަގު ހެނދުނު ހަޔަކުން ފެށިގެން ޢީދު ނަމާދު ނިމެންދެން ބަންދުވާނެ ކަމަށް ފުލުުހުން ބުނެފައި ވެއެވެ.

އެހެންކަމުން ޢީދު ނަމާދަށް ދާ ފަރާތްތަކުން ކަނޑައެޅިފައިވާ ގޭޓްތަކުން ޢީދުނަމާދަށް ދިއުމަށް ފުލުހުން ވަނީ އެދިފައެވެ.

ޢީދު ނަމާދު ބޮޑު ޖަމާޢަތަށް ސްޓޭޑިއަމަށް ދާ ފިރިހެނުން ސްޓޭޑިއަމަށް ވަނުމަށް ހަމަޖައްސާފައި ވަނީ ހިލާލީ މަގު އެފްއޭއެމް ހައުސްއާ ދިމާލުން ހުންނަ މައި ގޭޓުންނާއި އިސްކަންދަރު ކޮށި 1 ކުރިމަތީގައިވާ ގޭޓުންނެވެ.

އަންހެނުން ސްޓޭޑިއަމް އަށް ވަނުމަށް ހަމަޖައްސާފައި ވަނީ ކޯރުކެނޑި ހިނގުމުން އަމީނީ މަގަށް ނިކުމެވޭ ދިމާ ކުރިމަތީގައިވާ ގޭޓާއި ސިންތެޓިކް ޓްރެކާ ދިމާލުން ކަނޑައަޅާފައިވާ އިތުރު ގޭޓަކުންނެވެ.

މި ގޭޓަށް ސިންތެޓިކް ޓްރެކް ތެރެއިންނާއި، މާފަތް ތަކުރުފާނު މަގުން އަދި ބޮޑުތަކުރުފާނު މަގުން ވެސް ދެވޭނެކަމަށް ފުލުހުން ހާމަކުރެއެވެ.

ސްޓޭޑިއަމްގެ އިތުރުން ޢީދުނަމާދު ކުރާ އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތް ހިމެނޭ ސަރަހައްދުތައް ބަންދުކުރުމަށް ހަމަޖެހިފައި ވަނީ އާންމުކޮށް ހުކުރު ނަމާދު ވަގުތުތަކުގައި ބަންދުކުރާ އުސޫލުންކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

ފުލުހުން ވަނީ މި ތިން ސަރަހައްދުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ވީހާވެސް އަވަހަކަށް ނެގުމަށް އެދިފައެވެ.

ފުލުހުން ބުނީ އެ ސަރަހައްދުތަކުގައި ހުންނަ އުޅަނދުތައް ޓޯ ނުކުރި ނަމަވެސް، އީދު ނަމާދު ވަގުތަށް އެ ސަރަހައްދު ހުސްކުރުމުގެ ގޮތުން އެހެން ސަރަހައްދުތަކަށް ބަދަލުކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން ޢީދު ނަމާދުގެ އިތުރުން އީދު އުފާ ކުޅިވަރުތަކާ ގުޅިގެން އީދު ދުވަހުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަށް، ކޮންމެ ދުވަހަކު މެންދުރުފަހު 3:00 އިން އިރުއޮއްސި 6:00 އަށް ބައެއް މަގުތައް ދުއްވާއެއްޗަށް ނުވަދެވޭގޮތަށް ބަންދުކުރެވޭނެ ކަމަށް ފުލުހުން ބުނެއެވެ.

މިގޮތުން ސަލްޓަން ޕާކު، އިސްލާމީ މަރުކަޒުގެ މާބަލް އޭރިއާ، ޖުމްހޫރީ މައިދާން އަދި އިއްޒުއްދީން ފާލަން ހިމެނޭ ސަރަހައްދު އެ ގަޑިތަކުގައި ބަންދުކުރެވޭނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެހެންކަމުން އެ ވަގުތުތަކުގައި އެ ސަރަހައްދުތަކުގައި އެއްވެސް އުޅަނދެއް ޕާކު ނުކުރުމަށާއި، އާންމު ދަތުރުފަތުރުގެ ކަންކަމުގައި ފުލުހުން ގެނެސްފައިވާ ބަދަލުތަކަށް ސަމާލުކަން ދިނުމަށް ފުލުހުން އެދެއެވެ.