އީރާންގެ ބަނދަރުމަތީ ރަށްތަކަށް އެމެރިކާއިން ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ.
ރިޕޯޓުތައް ބުނާގޮތުން އިރާނުގެ ބަންދަރު އައްބާސް އަދި އައްސޭރިފަށުގެ އިތުރު ދެ ރަށަކަށް އެމެރިކާގެ ހަމަލާތައް ވަނީ އަމާޒުކޮށްފައެވެ.
އެމެރިކާގެ އަސްކަރިއްޔާގެ މަރުކަޒީ ކޮމާންޑުން (ސެންޓްކޮމް) ބުނީ މިއީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މުހިންމު މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި ސަރަހައްދުގައި މައިން ވަޅުލުމަށާއި، މިސައިލް އުދުއްސާލުމަށް ބޭނުންކުރާ ތަންތަނަށް އަމާޒުކޮށްދިން "ދިފާއީ" ހަމަލާތަކެއް ކަމަށެވެ.
އެގޮތުން މި ޙަމަލާތައް އަމާޒުކޮށްފައި ވަނީ، އީރާންގެ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) މިސައިލް ޙަމަލާދިނުމަށް ބޭނުންކުރާ މަރުކަޒުތަކާއި، ކަނޑުއަޑީގައި "މައިން" ހަރުކުރުމުގެ މަސައްކަތް ކުރަމުންދިޔަ އުޅަނދުފަހަރަށް ކަމުގައި ވެސް ސެންޓްކޮމުން ބުނެފައި ވެއެވެ.
އެމެރިކާގެ ޙަމަލާތަކާ ގުޅިގެން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިގެން ދިޔަކަމުގައިވީ ނަމަވެސް، އެ ސަރަޙައްދުގެ މަސްރަޙު އޮތީ ކޮންޓުރޯލުގެ ދަށުގައި ކަމަށާއި، ކަންބޮޑުވާންޖެހޭ ފަދަ ޙާލަތެއް މެދުވެރިވެފައި ނުވާ ކަމުގައި ވެސް އީރާނުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
ސެންޓްކޮމް އިން ބުނީ ދެ ފަރާތުގެ މެދުގައި ޙަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމަކަށް އަމަލުކުރަމުންދިޔަ ނަމަވެސް، އެމެރިކާ ސިފައިންގެ ދިފާޢުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
މިދިޔަ ފެބްރުއަރީ 28 ވަނަ ދުވަހު، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ކުއްލި ހަނގުރާމައެއްގެ ސަބަބުން، އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ އާއި އަސްކަރިއްޔާގެ އިސް ބައެއް އޮފިޝަލުން ވަނީ ޝަހީދުވެފައެވެ.
މީގެ ރައްދުގައި 40 ދުވަހުގެ ތެރޭގައި ދެ ފަރާތުން ވަނީ ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފައެވެ.
އީރާނުގެ ރައްދު ފިޔަވަޅުތަކުގެ ތެރޭގައި، ދުޝްމަނުންނާއި އެމީހުންގެ ބައިވެރިންގެ އުޅަނދުފަހަރަށް ހުރުމުޒު ކަނޑުއޮޅި ބަންދުކުރުން ވެސް ހިމެނެއެވެ.
މީގެ އިތުރުން މި ހަމަލާތައް ދިނުމުގެ ކުރިން އީރާނުން ބުނެފައިވަނީ ދެ ފަރާތުގެ ދެމެދުގައި ދެކެވެމުންދާ ވާހަކަތަކުގައި ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބިފައިވީނަމަވެސް އެއްބަސްވުމެއް އަދި ފެންނަން ނެތް ކަމުގައެވެ. އަދި އެމެރިކާއިން ބުނަމުން ދިޔައީ ދާދި އަވަހަށް އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް ގަބޫލު ކުރާ ކަމުގައެވެ.
ހަނގުރާމަ ހުއްޓާލުމަށް މަޝްވަރާތައް ފަށައި ދެފަރާތުން ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެފައިވަނިކޮށް، ދެ ފަރާތުންވެސް ވަނީ މީގެ ކުރިން ހަމަލާ ބަދަލުކޮށްފައެވެ.
އެހެންކަމުން މިއީ އެއްބަސްވުމަށް ބުރޫއަރާނެކަމެއް ކަމަށް ނުބެލެވޭ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ.