ދިވެހި ހުރިހާ ހައްޖުވެރިން މިހާރު އަރަފާތު ބިމަށް ގޮސްފައިވާ ކަމަށް ހައްޖު މިޝަނުން މިއަދު ބުނެފިއެވެ.
އިސްލާމީކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ފަތިހު ވިދާޅުވީ، އެންމެ ހާޖީއެއް ފިޔަވައި ދިވެހި ހާޖީން އަރަފާތަށް ވަދެފައިވާ ކަމަށެވެ. އެއީ އޭރު އެއް ހާޖީއަކު މިނާގެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔައިމައެވެ.
ހައްޖުމަހުގެ ނުވަ ވަނަ ދުވަހުގެ މެންދުރުފަހުން އަރަފާތުގައި މަޑުކުރުމަކީ ހައްޖުގެ އެންމެ މުހިންމު ރުކުނެވެ. އެ ބިމަށް އެދުވަހު އިރުއޮއްސުމުގެ ކުރިން ނުދެވޭ މީހުންނަށް ހައްޖު ނުލިބޭނެއެވެ.
އަދަކީ އަރަފާތު ދުވަސް ކަމަށްވާއިރު، މިއަދު އަރަފާތު ބިމުގައި ތިބުމަކީ ހައްޖުގެ ރުކުނެކެވެ.
މިއަދުގެ މެންދުރު ނަމާދަށްފަހު، އިމާމުމީހާ ޚުތުބާ ދެއްވާނެއެވެ. އެއަށްފަހު ހައްޖުވެރިން މެންދުރު ނަމާދާއި އަސްރު ނަމާދު ޖަމްއުކޮށް ގަސްރު ކުރާނެއެވެ. އިރުއޮއްސެންދެން ހައްޖެވެރިން އެ ތަނުގައި ތިބޭނެއެވެ.
އެ ވަގުތު އެ މީހުން ހޭދަކުރާނީ ދުއާކުރުމާއި އިސްތިޣުފާރު ކުރުމާއި ޒިކުރު ކުރުމުގައެވެ. އެ ގޮތުން ޚުޝޫޢަތްތެރިކަމާއެކު ﷲ ތައާލާއަށް ކުރިމަތިލައިގެންހުރެ، އަމިއްލަ ނަފުސަށާއި، އަހުލުންނާއި މުސްލިމުން އަޚުންނަށް ހެޔޮ ދުއާ ކުރާނެއެވެ.