އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް މިއަދުވެސް ގަދަވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
މެޓް އިން ބުނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އިން ވަނީ ބުނެފައެވެ.
ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށާއި އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވެ މެދުރާއްޖެތެރެއާއި އުތުރަށް ރާޅުގެ އުސްމިނުގައި 7-4 ފޫޓު އަދި ދެކުނުގެ އަތޮޅުތަކަށް ރާޅުގެ އުސްމިނުގައި 4-2 ފޫޓު ހުންނާނެކަމަށް ލަފާކުރެވޭކަމަށް މެޓް އިން ވަނީ ބުނެފައެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ކުރިއަށްއޮތް 3 ދުވަހުވެސް އުތުރުގެ ރަށްތަކަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށާއި މެދުރާއްޖޭގެ އަތޮޅުތަކަށް ކެރީގެ އަސަރުކުރިނަމަވެސް، ދެކުނުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެކަމަށެވެ.