ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމާ ބައްދަލުކުރެއްވުމަށް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިފަދައިން ވިދާޅުވީ، އެމަނިކުފާނުގެ ނުރަސްމީ އެކްސް އެކައުންޓުގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

ނަޝީދު ވިދާޅުވީ، ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގަތީ ނާޒިމާ ވާހަކަފުޅު ދެއްކެވުމަށް ކަމަށް އެމަނިކުފާނަށް ހަބަރު ލިބިވަޑައިގެންފައިވާ ކަމަށާއި، އެހެންނަމަވެސް ނާޒިމް، ރައީސް މުއިއްޒުއާ ވާހަކަދައްކާނެކަމަށް ނުބެލެވޭ ކަމަށެވެ.

ނަޝީދު މިފަދައިން ވިދާޅުވިއިރު، މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުން ނާޒިމް ވަކިކުރަން ވަނީ ނިންމާފައެވެ. ނާޒިމް މަގާމުން ވަކިކުރަން ނިންމީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ބައްދަލުވުމެއްގައެވެ.

ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގަންނަވަނީ ބޭސްފަރުވާ އަށް ކަމަށް މީގެ ކުރިން އަޑުފެތުރިފައިވީ ނަމަވެސް މިއީ ނުރަސްމީ ދަތުރުފުޅެއްކަމަށް ބުނުން ފިޔަވައި އިތުރު މައުލޫމާތެއް ރައީސް އޮފީހުން ނުދެއެވެ.

ރައީސްގެ ދަތުރުފުޅުގެ މުއްދަތާއި އަނބުރާ ވަޑައިގަންނަވާނެ ތާރީހާ ބެހޭ ގޮތުން ރައީސް އޮފީހުން އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.