ވެރިކަން ކުރާ ކޮންގްރެސް ޕާޓީ (ޕީއެންސީ) އަކީ އުމުރުން ހަގު ޕާޓީއަކަށް ވިޔަސް، ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ބައެއްގެ އިތުބާރާއި ރައްޔިތުންގެ ލޯބި ހޯދާފައިވަނީ ޕާޓީގެ ރިވެތި އަސާސްތަކާއި ހަރުދަނާ އުސޫލުތަކުގެ ސަބަބުން ކަމަށާއި، އެ ޕާޓީގައި އޮތީ ހަގީގީ ޑިމޮކްރަސީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ވިދާޅުވެއްޖެއެވެ.
މެންބަރު ޝަރީފް މިފަދައިން ވިދާޅުވީ، ކުރިއަށް އޮތް ޕީއެންސީގެ ކޮންގްރެސްގެ ހުރިހާ އިންތިޒާމުތަކެއް ކުރިއަށް ގެންދިއުމުގެ ފުރިހަމަ ބާރު ލީޑަޝިޕަށް ދިނުމަށާއި، ލީޑަޝިޕުން ބޭނުންވާ ގޮތަކަށް ކަންކަން ނިންމުމަށް ދާދިފަހުން ބޭއްވި ޕީއެންސީގެ ސެނެޓް ބައްދަލުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވި ހުށަހެޅުއްވުމަކަށް ސެނެޓުގެ ތާއީދު ނުލިބި ބޭރުކޮށްލާފައިވާ ކަމަށް ބުނެ "އަދަދު" ނޫހުން ލިޔެފައިވާ ހަބަރަކާ ގުޅިގެންނެވެ.
އެ ހަބަރު ދޮގުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަރީފް ވިދާޅުވީ، ޕީއެންސީގެ ކޮންމެ ނިންމުމެއްވެސް ނިންމަނީ ސެނެޓަރުންގެ ފުރިހަމަ ބައިވެރިވުމާއެކު ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ޕާޓީގެ އަގުވައްޓާލުމަށް ކުރާ މަސައްކަތްތައް ހުއްޓާލުމަށް ގޮވާލައްވަމުން މެންބަރު ޝަރީފް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ ސިޔާސީ ޕާޓީ، އެމްޑީޕީގައި ވެސް ނެތް ފަދަ ހަރުދަނާ އުސޫލުތަކާއި ރިވެތި އަސާސްތައް މިއަދު ޕީއެންސީގައި އެބައޮތް ކަމަށެވެ. އަދި ޕީއެންސީއަށް މިހާ ކުރު މުއްދަތެއްގެ ތެރޭގައި ރައްޔިތުންގެ ބޮޑު ލޯތްބެއް ލިބުނު ސަބަބަކީ ވެސް އެއީ ކަމަށް މެމްބަރު ވިދާޅުވިއެވެ.