މާލެއިން އއ. ތޮއްޑޫއަށް ދަތުރުކުރި ލޯންޗެއް ދިޔަވެ، އަޑިއަށްދާތީ އެއުޅަނދުން ދަތުރުކުރި މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ދިވެހި ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މެރިން ޕޮލިސްއިން ސޯޝަލް މީޑިގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ، މިއަދު 17:30 ހާއިރު މާލެއިން އއ. ތޮއްޑުއަށް ދަތުރުކުރަމުން ދިޔަ "ރިލެކްސް އައިޝާ" ނަމަކަށް ކިޔާ ލޯންޗް ދިޔަވެ އަޑިއަށް ދާތީ އެ އުޅަނދުން ދަތުރުކުރި 25 މީހުން ރައްކާތެރިކަމާއެކު ގެނެސްފައިވާ ކަމަށެވެ.
މިދުވަސްވަރަކީ މުޅިރާއްޖެއަށްވެސް މޫސުން ގޯސް ދުވަސްވަރެއްކަމުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
އެގޮތުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމުގެ އެންމެ ފަހުގެ މައުލޫމާތު ބެލުމަށްފަހު ނޫނީ ދަތުރު ނުކުރުމަށް ވެސް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން އުޅަނދުތަކުގެ ސަލާމަތީ ރައްކާތެރިކަން ހުރި ނެތްގޮތް ބަލާ ޗެކްކުރުމަށްވަނީ މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިރުޝާދުދީފައެވެ.