ވަރަށް ގިނަ އާންމުން ފާހަގަ ކުރާގޮތުގައި ޓެކްސީ ލައިންގެ ހިދުމަތުގެ ޓައިމިންގ ރަނގަޅުކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ކޮންމެ ހަފުތާއަކު ތަރުޖަމާނު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ހޮނިހިރު ދުވަހު ބޭއްވި ބައްދަލުވުމުގައި ޓެކްސީ ލައިންތަކާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުންދު ވިދާޅުވީ، ޓެކްސީ ލައިންތަކާ ގުޅޭގޮތުން ދުވަސްކޮޅެއް ކުރިން ޓްރާންސްޕޯޓު މިނިސްޓަރާ މަޝްވަރާ ކުރެއްވި ކަމަށެވެ.

އެގޮތުން އެއްކަމަކަށް އެވުޒާރާއިން ބަލާފައި ވަނީ ދަތުރުފަތުރު ކުރުމުގެ ކެޕޭސިޓީ އަކީ ކޮބައިތޯ ކަމަށާއި، އެގޮތުން އެއީ ދުނިޔޭގެ ކޮންމެ ތަނެއްގައި ވެސް އެ މަސަކަތް ކުރުމަށް ގެންގުޅޭ އަސާސީ އުސޫލެއް ކަމަށް މުންދު ވިދާޅުވިއެވެ. މުންދު ވިދާޅުވީ، އެހެން ގައުމުތަކާ ހިލާފަށް ރާއްޖޭގެ ސައިޒާ އަޅާބަލާއިރު އެތަށް ގުނައެއް އިތުރަށް ރާއްޖޭގައި މިހާރު ވެސް އުޅަނދު ހުރި ކަމަށެވެ.

އެހެން ކަމުން އެ ވުޒާރާއިން ބެލީ އެކި ގޮތް ގޮތުން އެ އަދަދު މަދު ކުރެވޭތޯ ކަމަށް ފާހަގަ ކުރައްވައި މުންދު ވިދާޅުވީ، އެގޮތުން އެކަހެރި ކޮށް އެކި ތަންތަނުގައި ބަހައްޓާފައިވާ ބޭނުން ނުކުރާ އުޅަނދުތައް ނައްތާލުމުގެ މަސަކަތް ވެސް އެ ވުޒާރާއިން ކުރިއަށް ގެންދިޔަ ކަމަށެވެ. އެހެން ކަމުން ޔަގީނުން ވެސް މާލޭގައި އެ ކެޕޭސިޓި ވަރުގަދަ ކުރުމުގެ މަސައްކަތް އެ ވުޒާރާއިން ކުރަމުންދާ ކަމަށް މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވީ ރާއްޖޭގައި ގާއިމް ކުރެވިފައިވާ ޕަބްލިކް ޓްރާންސްޕޯޓުގެ މަސަކަތްތައް އިތުރަށް ފުޅާ ކުރުމުގެ މަސަކަތް ވެސް އެ ވުޒާރާއިން ކުރަމުންގެންދާ ކަމަށެވެ.

ޓެކްސީ ލައިންގެ ފީޑް ބެކް ތަކަށް އަލިއަޅުވާ ލައްވަމުން މުންދު ވިދާޅުވީ، އެހިދުމަތް ފެށުނުތާ މާގިނަ ދުވަހެއް އަދި ނުވާކަމަށާއި، އަދި ފެށުމަކާ އަޅާ ބަލާ އިރު އެ ހިދުމަތަށް ލިބޭ ފީޑްބެކް ރަނގަޅު ކަމަށެވެ.

"މާލެ ޓެކްސީގެ ޚިދުމަތާ ގުޅޭގޮތުން ލިބޭ ފީޑް ބެކް ރަނގަޅު. ވަރަށް ގިނަ ބޭފުޅުން ފާހަގަކުރައްވާ ޚިދުމަތުގެ ޓައިމިންގ ރަނގަޅުކަމަށް އަދި އެ ހިދުމަތް ދެއްވާ ޑްރައިވަރުންގެ ޕްރޮފެޝަނަލިޒަމް އަށް ވެސް ވަރަށް ރަނގަޅު ކޮމެންޓް އެބަހުރި ލިބިފަ"

ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު)

މީގެ އިތުރުން މުންދު ވިދާޅުވީ، އެހެން ނަމަވެސް އެ ހިދުމަތުގައި ރަނގަޅު ކުރަން ޖެހޭ ކަންކަން ހުރި ކަމަށާއި، އެކަންކަން ބަލައި ދިރާސާކޮށް ރަނގަޅު ކުރަން ހުރި ކަމެއް ނަމަ އިތުރަށް ރަނގަޅު ކުރަމުން ދާނެ ކަމުގެ ޔަގީން ކަން އެ ވުޒާރާއިން ދީފައިވާ ކަމަށެވެ.