ފުޓުބޯޅަ ކުރިއެރުވުމަށް ސަރުކާރުން ދެމުން އަންނަ އެއްބާރުލުމަށް ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފަރާތުން ޝުކުރު އަދާކޮށްފިއެވެ.

އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ފުޓުބޯޅަ ކުރިއެރުވުމަށް ސަރުކާރުން ދެމުން އަންނަ އެއްބާރުލުން ފާހަގަކުރައްވާފައެވެ.

ޠާރިގު މިހެން ވިދާޅުވެފައި ވަނީ މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ފުޓުބޯޅަ ދުވަހުގެ ތަހުނިޔާ އަރިސްކޮށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ކުރެއްވި ޕޯސްޓެއް ހިއްސާކުރައްވައެވެ.

ރައީސްގެ ޕޯސްޓުގައި ވަނީ ފުޓްބޯޅައިގެ އުމްރާނީ ވަސީލަތްތައް ތަރައްޤީކޮށް ފުޅާކުރުމަށް ޚާއްޞަ އިސްކަމެއް ސަރުކާރުން ދެއްވާ ކަމަށް ވިދާޅުވެފައެވެ.

މިގޮތުން ފީފާ މިންގަނޑުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމާއި، މިހާރު ހުރި ވަސީލަތްތައް އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސް ވަނީ ކުޅިވަރުގެ ދާއިރާ ލާމަރުކަޒީކޮށް ކުރިއެރުވުމަށްޓަކައި ކުޅިވަރުގެ ޤާނޫނަށް އިސްލާހު ގެނައުން ފަދަ މުހިންމު ސިޔާސީ ބަދަލުތައް މި ސަރުކާރުން ގެނެސްފައިވާކަން ފާހަގަކުރައްވާފައެވެ.

މިކަމަށް އިޝާރަތްކުރައްވާ ޠާރިގު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެފްއޭއެމްގެ ފަރާތުން، މުޅި ރާއްޖޭގައި ފުޓްބޯޅަ ތަރައްގީކުރުމަށާއި، ދިވެހި ފުޓްބޯޅަ އޮންނަންޖެހޭ ހަގީގީ މަގާމަށް އަނބުރާ ގެނައުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ދިވެހި ސަރުކާރުން ދެއްވަމުންގެންދަވާ އެއްބާރުލުމަށްޓަކައި، އެފްއޭއެމްގެ އެންމެ މުހިންމު އެއް ބައިވެރިޔާގެ ހައިސިއްޔަތުން، ރައީސް މުޢިއްޒު އަށާއި ސަރުކާރަށް އިޚްލާޞްތެރި ޝުކުރެއް ދަންނަވާ ކަމަށެވެ.