ޢީދު ފާހަގަކުރުމުގައި މުންކަރާތްތަކުން ދުރުވުމަށާއި އިސްލާމް ދީނުގައި ފާހަގަކުރާ އީދުތަކަކީ މުސްލިމުންނަށް ދެއްވި ބޮޑުވެގެންވާ ނިއުމަތްތަކެއް ކަމަށް ރާއްޖޭގެ އިލްމުވެރިންގެ ގުޅުން ޖަމިއްޔާ އިން ބުނެފިއެވެ.
އިލްމުވެރިންގެ ގުޅުމުން މިހެން ބުނެފައި ވަނީ ނެރުނު ބަޔާނެއްގައެވެ.
އެ ބަޔާނުގައި އިލްމުވެރިންގެ ގުޅުމުން ބުނީ އީދުތަކަކީ މަތިވެރި އަޅުކަންތަކަކަށްފަހު އެކަމުގެ ހެޔޮ ތައުފީގު ދެއްވި ކަމަށްޓަކައި ޝުކުރުވެރިވުމުގެ މާތް މަތިވެރި ދުވަސްތަކެއް ކަމަށެވެ.
އެ ބަޔާނުގައި ބަގަރާ ސޫރަތުގެ 185 ވަނަ އާޔަތް ހިއްސާކޮށް އިލްމުވެރިންގެ ގުޅުމުން ބުނީ އެ އާޔަތުން އެނގޭގޮތުގައި އީދު ފާހަގަކުރުމަކީ މާތް ﷲގެ މަތިވެރިކަން ހަނދުމަކޮށް ޝުކުރުކުރުމާއި ގުޅިފައިވާ އަޅުކަމެއް ކަމަަށެވެ.
އެހެންކަމުން އީދު ފާހަގަކުރަން ވާނީ އިސްލާމީ ރިވެތި އަހުލާގުގެ އިމުގެ ތެރޭގައި ކަމަށް އެ ޖަމިއްޔާއިން ބުނެފައި ވެއެވެ.
އެހެންކަމުން އީދު ފާހަގަކުރުމުގެ ނަމުގައި ދީނީ އަދި އިޖުތިމާއީ މިންގަނޑުތަކުން ބޭރުވެ އަންހެނުންނާއި ފިރިހެނުން މަސްހުނިވެ ފާހިޝް ކަންތައްތަކާއި މުންކަރާތްތަކަށް އަރައިގަތުމަކީ ﷲ މަތިވެރިކުރައްވާފައިވާ ދުވަސްތަކެއްގެ ހުރުމަތް ކަނޑާލުން ކަމަށް އެ ޖަމިއްޔާ އިން ބުނެފައި ވެއެވެ.
އަދި މިފަދަކަންކަން ކުރުމަކީ އެކަލާނގެ ކޯފާއާ އަޒާބަށް ހުށަހެޅިދާނެ ނުރައްކާތެރި ކަމެއް ކަމަށާއި އެކަލާނގެ ނިއުމަތްތަކަށް ޝުކުރުވެރިވުމުގެ ބަދަލުގައި އުރެދުންތަކަށް މަގުފަހިވާކަންކަން ކުރުމަކީ ނިއުމަތްތަކަށް ކުފުރުވެރިވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފައި ވެއެވެ.
އެހެންކަމުން މި އީދުގައި ފާހިޝްކަންތައްތަކާއި މުންކަރާތްތަކުން ދުރުހެލިވެ އީދު ކުޅިވަރުގެ ނަމުގައި ދެ ޖިންސް މަސްހުނިވެ ލަވަޔާ މިޔުޒިކްގެ ހަރަކާތްތައް ބޭއްވުމާއި ފިރިހެނުންނާއި އަންހެނުންވެސް އައުރަ ނިވާނުވާގޮތަށް ހިންގާ ހަރަކާތްތަކާއި އިސްލާމީ އަހުލާގާ ހިލާފު ކަންކަމުން ދުރުހެލިވުމަށް އިލްމުވެރިންގެ ގުޅުމުން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި ފަރުޟުއަޅުކަންތަކަށް ރައްކާތެރިވުމާއި ބެލެނިވެރިންނާއި މުއައްސަސާތަކުން، ރަށްރަށުގައި އީދު ހަރަކާތްތައް ހިންގަނީ އިސްލާމް ދީނުގެ އިމުގެ ތެރޭގައިތޯ ގާތުން ބަލައި ފާރަވެރިވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ހަމައެހެންމެ މި އީދުގައި އިސްލާމީ ރިވެތި އާދަތައް ދިރުވައި ގާތްތިމާގެ މީހުންނަށް ޒިޔާރަތްކޮށް ހަދިޔާ ބަދަލުކޮށް މުސްލިމުންގެ މެދުގައި ދޭދޭ ގުޅުންތައް ބަދަހިކޮށް އެހީ ފޯރުކޮށްދީ ހެޔޮކަންކަން ދިރުވާ އާލާކުރުމަށް ވަނީ އެ ޖަމިއްޔާއިން ވަނީ އިލްތިމާސްކޮށްފައެވެ.