ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓު ދިނުމުގެ ހައްޤު 4121 މީހުންނަށް ލިބިފައިވާކަމަށް އިލެކްޝަން ކޮމިޝަން(އީސީ) އިން ބުނެފިއެވެ.
އީސީން މިއަދު ވަނީ އައްޑޫގެ ބައި-އިލެކްޝަންގައި ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ލިސްޓު އާންމުކޮށްފައެވެ.
އެ ލިސްޓުގައިވާގޮތުން ހިތަދޫ އުތުރު ދާއިރާގެ ބައިލެކްޝަނުގައި ޖުމްލަ 4121 މީހުންނަށް ވޯޓު ދިނުމުގެ ހައްޤު ލިބިގެންވެއެވެ.
އީސީން އާންމުކުރި މައުލޫމާތުން ދައްކާގޮތުގައި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އައްޑޫ ސިޓީގައި 5 ވޯޓުފޮށި ބަހައްޓާނެއެވެ. މީގެ އިތުރުން މާލޭގައި ދިރިއުޅޭ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުން ވޯޓުލުމަށް 2 ވޯޓުފޮށި ބަހައްޓާނެއެވެ.
އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް ހަަމަޖެހިފައިވާ ބައި-އިލެކްޝަންގައި ދެ ކެނޑިޑޭޓުން ވާދަކުރާނެެއެވެ. އެއީ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އަޙްމަދު ސައީދާއި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަބްދުﷲ ޞާދިޤުއެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހުއެވެ. އެ ދުވަހު ހެނދުނު 8:00 އިން ހަވީރު 4:00އަށް ވޯޓުލުން ކުރިއަށްދާނެ ކަމަށް އީސީން ހާމަކުރެއެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެމްބަރުކަމުގައި ކުރިން ހުންނެވި މުހައްމަދު ސިނާން އިތުރު މީހަކާ ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން އޮކްޓޯބަރު 2024 ގައި ކުރި ހުކުމަކާ އެއްގޮތަށް ސިނާން ފައިސާ ނުދެއްކެވި މައްސަލައިގަ އެވެ. އަދި ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ މިދިޔަ މަހުގެ 12 ގައެވެ.