ފީފާ މިންގަނޑުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ފުޓްބޯޅަ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމަ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓުގައި ވަނީ ބައިނަލްއަޤްވާމީ ފުޓްބޯޅަ ދުވަހުގެ ހެޔޮއެދުންތައް ފުޓްބޯޅައަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށް އަރިސްކުރައްވާފައެވެ.
އެގޮތުން ފުޓްބޯޅައަކީ މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުން އެއްބައިކުރުވާ ރީތި ކުޅިވަރެއް ކަމަށާއި އެ ކުޅިވަރުގެ ސަބަބުން ދިވެހިންގެ މެދުގައި އޮންނަ އެއްބައިވަންތަކަމުގެ ރޫޙު ފާހަގަކުރައްވައި، މިއީ އަންނަން އޮތް ޖީލުތަކަށް ލިބޭ މުހިންމު ހިތްވަރެއްކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އަދި ފުޓްބޯޅައިގެ އުމްރާނީ ވަސީލަތްތައް ތަރައްޤީކޮށް ފުޅާކުރުމަށް ޚާއްޞަ އިސްކަމެއް ސަރުކާރުން ދެއްވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މިގޮތުން ފީފާ މިންގަނޑުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމާއި، މިހާރު ހުރި ވަސީލަތްތައް އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް ވަނީ ކުޅިވަރުގެ ދާއިރާ ލާމަރުކަޒީކޮށް ކުރިއެރުވުމަށްޓަކައި ކުޅިވަރުގެ ޤާނޫނަށް އިސްލާހު ގެނައުން ފަދަ މުހިންމު ސިޔާސީ ބަދަލުތައް މި ސަރުކާރުން ގެނެސްފައިވާކަން ފާހަގަކުރައްވާފައެވެ. މި ބަދަލުތަކުގެ ސަބަބުން މުޅި ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމަށާއި ރާއްޖޭގައި ބައިނަލްއަޤްވާމީ ފުޓްބޯޅަ މުބާރާތްތައް ބޭއްވުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަކީވެސް ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ހަމައެހެންމެ އެ ފަދަ ފުރުސަތުތައް ފަހިކޮށްދިނުމުގެ ބޭނުމަކީ ރާއްޖޭގެ ކުޅިވަރު ސަގާފަތް ވަރުގަދަކޮށް، ދިވެހި ކުޅުންތެރިންނަށް ބައިނަލްއަޤްވާމީ މައިދާނުގައި ހުނަރު ދައްކާލުމަށް ބޮޑެތި ފުރުޞަތުތައް ހޯދައިދިނުން ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި ކުޅިވަރާއި ދުޅަހެޔޮ ދިރިއުޅުމެއް ކުރިއެރުވުމަށް މި ސަރުކާރުން ކުރާ މަސައްކަތުގައި ސާބިތުކަމާއެކު ދެމިތިބޭނެ ކަމަށް ރައީސްގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.
ކޮންމެ އަހަރެއްގެވެސް ދުނިޔޭގެ ފުޓުބޯޅަ ދުވަސް ފާހަގަކުރަނީ މެއި މަހުގެ 25 ވަނަ ދުވަހުގަ އެވެ.