އުރުދުންގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.
އުރުދުންގެ މިނިވަން ދުވަހާއި ގުޅިގެން ރައީސް ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓުގައި ވަނީ، އެ ޤައުމުގެ ރަސްގެފާނު ޢަބްދުﷲއަށާއި، ބޮޑުވަޒީރު ޖައުފަރު ޙައްސާނަށާއި، ސަރުކާރަށާއި، އުރުދުންގެ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.
އަދި އެ އުފާވެރި މުނާސަބަތަކީ، އުރުދުންގެ ރައްޔިތުންގެ މެދުގައި އޮތް އެއްބައިވަންތަކަން އިތުރަށް ވަރުގަދަވެ، އެ ޤައުމަށް ދެމެހެއްޓެނިވި ބަދަހިކަމާއި ކާމިޔާބީ ލިބިގެންދާނެ ދުވަހެއްގެ ގޮތުގައިވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
ދިވެހިރާއްޖެއާއި އުރުދުންއާ ދެމެދު އޮތް ގުޅުން ބިނާވެފައި ވަނީ ދެ ޤައުމުގެ މެދުގައިވާ އިސްލާމީ އެއްބައިވަންތަކަމާއި ދެ ޤައުމުން ޤަބޫލުކުރާ އެއްގޮތް އުޞޫލުތަކުގެ މައްޗަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އަދި ދެ ޤައުމު ދެމެދުގައި އޮތް ގާތް ރަޙްމަތްތެރިކަމާއި، އެކަކު އަނެކަކަށް ދޭ އެއްބާރުލުމާއި، މަޝްވަރާތަކުގެ ސަބަބުން، ދެ ޤައުމަށްވެސް މަންފާކުރަނިވި ގޮތެއްގައި މި ގުޅުން ކުރިއަށްދާނެ ކަމަށް އުންމީދު ކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.
އުރުދުންގެ މިނިވަން ދުވަސް ފާހަގަކުރަނީ، ދެވަނަ ބޮޑު ހަނގުރާމައަށްފަހު އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތުން ނިމުމަކަށް ގެނެސް، 1946 ވަނަ އަހަރު މިނިވަން ޤައުމެއްގެ ގޮތުގައި އެ ޤައުމުން ކަނޑައެޅުމާއި ގުޅިގެންނެވެ.
މިގޮތުން ކޮންމެ އަހަރަކުވެސް މެއި މަހުގެ 25 ވަނަ ދުވަސް ފާހަގަކުރަނީ، އުރުދުންގެ މިނިވަން ދުވަހުގެ ގޮތުގައެވެ.