އީދު ބަންދުގައި 1227 ދަތުރު، ގައުމީ އެއާލައިން "މޯލްޑިވިއަން" އިން އަޅާނެ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ކޮންމެ ހަފުތާއަކު ތަރުޖަމާނު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ހޮނިހިރު ދުވަހު ބޭއްވި ބައްދަލުވުމުގައި އީދު ބަންދާ ދިމާކޮށް ފްލައިޓްތަކުން ޓިކެޓު ނުލިބޭ މައްސަލައާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މުންދު ވިދާޅުވީ އީދު ބަންދަކީ ލޯކަލް ޓޫރިޒަމް ކުރިއަރައިގެންދާ ދުވަސްވަރެއް ކަމަށެވެ. އަދި އެ ދުވަސްތަކަކީ "މޯލްޑިވިއަން"ގެ ރާއްޖެތެރޭގެ ފްލައިޓްތަކަށް އެންމެ ލޯޑް ބޮޑު ދުވަސްތައް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެގޮތުން އެކަމާ ގުޅިގެން "މޯލްޑިވިއަން" އިން ދީފައިވާ މައުލޫމާދީފައިވާފައިވާކަން ފާހަގަކުރައްވާ މުންދު ވިދާޅުވީ 1227 ޓޯޓަލް މޫވްމެންޓް އަޅާނެ ކަމަށް ބުނެފައިވާ ކަމަށެވެ.
މުންދު ވިދާޅުވީ އެއީ 1014 ޝެޑިއުލްޑް ފްލައިޓާއި، 213 އިތުރު ފްލައިޓް ކަމަށެވެ. އަދި މިކަމުގައި ޓްރެންޑެއް އޮންނަ ކަން "މޯލްޑިވިއަން" އިން ފާހަގަކޮށްފައިވާ ކަމަށް މުންދު ވިދާޅުވިއެވެ.
މުންދު އިތުރަށް ވިދާޅުވީ މިވަގުތު "މޯލްޑިވިއަން" އިން އަޅާ ކޮންމެ 5 ފްލައިޓްއަކުން އެއް ފްލައިޓަކީ އާންމުކޮށް އެހެން މަސްމަހުގައި އަޅާ ފްލައިޓަށްވުރެ އިތުރު ފްލައިޓެއް ކަމަށް "މޯލްޑިވިއަން" އިން މައުލޫމާތުދީފައި ވާކަމަށެވެ.
އެހެން ކަމުން އެއީ 20 އިންސައްތައިގެ އިތުރުވުމެއް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. މުންދު ވިދާޅުވީ ޓިކެޓު ލިބުމުގައި ދަތިތައް އުޅެނީ ފްލައިޓްތައް މަދުވެގެން ނޫން ކަމަށާއި، ޑިމާންޑު ބޮޑުކަމުން ކަމަށެވެ.
މުންދު ވިދާޅުވީ "މޯލްޑިވިއަން" އަށް އިތުރަށް ދަތުރު އެޅޭނެތޯ ސުވާލުކުރުމުން "މޯލްޑިވިއަން" އިން މަސައްކަތް ކުރަމުންދަނީ ފުލް ކެޕޭސިޓީގައި ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ޕްރައިވެޓް ފްލައިޓްތައްވެސް އޮންނަ ކަން ފާހަގަކުރައްވާ މުންދު ވިދާޅުވި އެ ފްލައިޓްތައްވެސް ހިމަނައިގެން ޖުމްލަ ފްލައިޓްތައް ގުނާނަމަ އެއަށްވުރެވެސް އިތުރުވާނެ ކަމަށެވެ.
އެގޮތުން "މޯލްޑިވިއަން" އިން ލަފާކުރަނީ އީދު ބަންދުތެރޭ "މޯލްޑިވިއަން" އިން އެކަނިވެސް ޖުމްލަ 64،000 ސީޓު ވިއްކާނެ ކަމަށް ކަން މުންދު ފާހަގަކުރެއްވިއެވެ.