ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން އެޕްރީލް މަހު 190 މައްސަލަ ބަލައިގަނެފައިވާ ކަމަށް އެ އޮފީހުގެ ތަފާސްހިސާބުން ދައްކައިފިއެވެ.
ޕީޖީއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެ އޮފީހުގެ އެޕްރީލް މަހުގެ ތަފާސްހިސާބުތައް ހިއްސާކޮށްފައެވެ.
ޕީޖީ އޮފީހުގެ ތަފާސްހިސާބު ދައްކާގޮތުން 190 މައްސަލަ ތެރޭގައި ހިމެނެނީ މަސްތުވާތަކެތީގެ 9 މައްސަލަ، ވައްކަމުގެ 31 މައްސަލަ، މާރާމާރީ ހިންގުމުގެ 15 މައްސަލަ، މަކަރާއި ޙީލަތް ހެދުމުގެ 8 މައްސަލަ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 7 މައްސަލަ، އަދި އަމުރަށް ނުކިޔަމަންތެރިވުމުގެ 6 މައްސަލަ އެކެވެ.
އަދި ގެވެށިއަނިޔާ ބިރުދެއްކުމާއި އިންޒާރުދިނުން މަނީލޯންޑަރިން އަދި މުދަލަށް ގެއްލުން ދިނުމުގެ 3 މައްސަލައާއި އަނިޔާއެއް ދިނުން، ސައްހަ ލިޔުމެއް ބަދަލުގެނައުމާއި ނަކަލުކުރުމާއި، ޒިނޭއާއި، ވަކިމީހަކަށް ނުލައްވާގޮތަށް ވިހެއުން، ބިރު ދެއްކުން، ސިހުރު ހެދުން އަދި ފޭރުމުގެ 2 މައްސަަލައެއް ޕީޖީ އޮފީހުން ވަނީ ބަލައިގަނެފައެވެ.
މި 190 މައްސަލަތަކުގެ ތެރެއިން ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ 187 މައްސަލަ ޕީޖީ އޮފީހަށް ހުށަހަޅާފައެވެ. އަދި މޯލްޑިވްސް ކަސްޓަމްސް ސާރވިސް އިން އެއް މައްސަލަ، އެންޓި-ކޮރަޕްޝަން ކޮމިޝަން އިން އެއް މައްސަލަ އަދި ނ.މާފަރު ފުލުހުންގެ ހިދުމަތުން ޕީޖީ އޮފީހަށް އެއް މައްސަލަ ވަނީ ހުށައަޅާފައެވެ.
ޑިއުޓީ ޕްރޮސިކިއުޝަންގެ ގޮތުގައި 552 މައްސަލައެއް ޕީޖީ އޮފީހަށް ވަނީ ހުށަހަޅާފައެވެ. އަދި ކޯޓަށް 232 ދައުވާ ހުށަހަޅާފައިވާއިރު 2710 އަޑުއެހުމަށް ހާޒިރުވެފަައިވެއެވެ.