140 މީހުންގެ ޖާގައިގެ ޖަލު ޔުނިޓްގެ 5 ސެލް ބްލޮކްގެ މަސައްކަތް ނިންމައިފި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ( އެމްސީއެސް) އިން ބުނެފިއެވެ.

އެމްސީއެސްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ހުޅުމާލެ ޕޮލޮޓް ނަންބަރ 10623 ގައި އަލަށް ބިނާ ކުރާ ދެ ބުރި ޢިމާރާތުގެ 140 މީހުންގެ ޖާގައިގެ ޖަލު ޔުނިޓްގެ 5 ސެލް ބްލޮކްގެ ތެރެއިން، ފުރަތަމަ ސެލް ބޮލޮކްގެ ހުރިހާ މަސައްކަތްތަކެއް ނިންމާފައިވާ ކަމަށެވެ.

އަދި ފުރަތަމަ ބެޗްގެ 16 ޤައިދީން އިއްޔެ އެ ޔުނިޓަށް ވަނީ ބަދަލުކުރެވިފައިވާ ކަމަށް އެމްސީއެސްއިން ބުނެއެވެ.

އެމްސީއެސްއިން ބުނީ މިއީ ޙުކުމް ތަންފީޛުކުރާ ޤައިދީންގެ ތެރެއިން، ފަންނީ މަސައްކަތުގައި މާލޭ އޭރިއާގައި އުޅޭ ޤައިދީން ބޭތިއްބުމަށް، ހޯލްޑިންގ ސެލްތައް އެކުލެވޭ ގޮތަށް އޭސީ އާއެކު ބިނާކުރެވޭ ޔުނިޓެއް ކަމަށެވެ.

އަދި މި މަސައްކަތުގެ ގުރައުންޑް ފޮލޯރގެ ހުރިހާ މަސައްކަތެއް ޖޫން މަހުގެ ތެރޭގައި ނިންމާލެވެމުން، ކޯޓްތަކަށާއި، މެޑިކަލް އަށް މާލެ ގެންނަންޖެހޭ މީހުން ގެނެސް ބޭއްތިއްބުމަށް ބޮޑު ލުއިކަމެއްލިބި، ކުރަންޖެހޭ ދަތުރުފަތުރުގެ ޚަރަދުތައް ކުޑަ ކުރެވޭނެ ކަމަށް އެމްސީއެސްއިން ވަނީ ބުނެފައެވެ.