އިދިކޮޅު އެމްޑީޕީގެ މުޒާހަރާއެއް ތެރެއިން ހައްޔަރުކުރުމަށް ފަހު، 10 ދުވަހު ބަންދުގައި ބަހައްޓާފައި ހުރި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝަމްޢޫން ޖަލީލް (ލޫކަސް) މިއަދު ބަންދުން ދޫކޮށްލައިފިއެވެ.

އޭނާ ހައްޔަރުކުރީ މި މަހުގެ 12 ވަނަ ދުވަހު ޖަލަށްލި "އަދަދު" ނޫހުގެ ނޫސްވެރިން މިނިވަން ކުރުމަށާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްނޭޅުމަށް ގޮވާލައި ބޭއްވި ހަރަކާތުގެ ތެރެއިންނެވެ.

އެގޮތުން ލޫކަސް 10 ދުވަހަށް ބަންދުކުރީ މި މަހު 14 ވަނަ ދުވަހު އެވެ.

ލޫކަސްގެ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ލޫކަސް ބަންދުން ދޫކޮށްލިކަން ހާމަކުރެއްވިއެވެ.

އެމްޑީޕީ ހަރުގެ ކައިރިން ފެށި އެ އިހުތިޖާޖުގައި ފުލުހުންނާ ކުރިމަތިލުންތަކެއް ހިނގާފައިވާއިރު އެ އިހުތިޖާޖުގެ ތެރެއިން 10 މީހަކު ހައްޔަރުކުރިއެވެ.

މިގޮތުން އޭގެ ތެރެއިން ހަތް މީހުން ދޫކޮށްލިއިރު، ބަންދަށް އެންމެ ގިނަ ދުވަސް ޖެހީ ލޫކަސްއެވެ.

ފުލުހުން އޭރު ބުނީ އެ މީހުން ހައްޔަރުކުރީ ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސް އަޅައި، އަމުރަށް ނުކިޔަމަންތެރިވިކަމުގެ ތުހުމަތުގައި ކަމަށެވެ.