ބަނގުރާ ބޭނުންކޮށް އެ ތަކެތި ގެންގުޅޭ ކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ ޒުވާނުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދޯދިލް / ފ. ފީއަލި، މައިޝަމް މުޙައްމަދު (20އ) އާއި، ކުޅުދޫ. ގުލްފާމްގެ / ނ. ކެނދިކުޅުދޫ، ޒަޔާން ޔޫސުފް (23އ) އެެވެ.
ފުލުހުން ބުނީ އެ ދެމީހުން ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ، މޭރީ ބްއަރުންއާ ދިމާ ޖެޓީ ކައިރިން ކަމަށެވެ.
މެއި 21 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގެ ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު އެ މީހުންނާ މެދު ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު، އެ މީހުން ގެންގުޅުނު ކަޅުކޮތަޅު ތެރެއިން، 2 ކޭސް ބަނގުރާ (48 ފުޅި) ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް ހަތްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.