މި ދުވަސްވަރު މާލެ އާއި އަތޮޅުތެރޭގެ ރަށްތަކުގައި ބަލިތައް ފެތުރެމުން އަންނާތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީ އަދި އަރިދަފުސް ރޯގާ އާންމުކޮށް ފެންނަ މިންވަރު އިތުރުވެފައިވާ ކަމަށެވެ.
އަދި މާލޭ ސަރަޙައްދުން ހިމަބިހީގެ ކޭސްތަކެއް ރިޕޯޓުކޮށްފައި ވާތީ މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.
އެގޮތުން ކުރިޔަށް އޮތީ ޢީދު ދުވަސްތައް ކަމަށްވެފައި މިއީ ދިގު ޗުއްޓީއެއް ލިބޭ ދުވަސްވަރެއް ކަމުން ގިނަ ބަޔަކު އެއްތަނުން އަނެއްތަނަށް ދަތުރުކުރާނެ ކަމަށާއި، އަދި މީހުން އެއްވެ އުޅުން އިތުރުވެގެން ދާނެތީ ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.
ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދޭންވީ ކަންކަން:
ހުންއައިސް، ނުވަތަ ނޭވާލާ ނިޒާމުގެ ބައްޔެއްގެ އަލާމާތެއް ފެންނަނަމަ، ގޭގައި މަޑުކުރުން، އާންމު އެއްވުންތަކާއި ހަރަކާތްތަކުގައި ބައިވެރިނުވުން.
ބަލިޖެހިގެން ހާލަތުގޯސް ވާނަމަ އަވަހަށް ޞިއްޙީ ފަރުވާ ހޯދުން.
ޞިއްޙީ ފަރުވާ ހޯދަން ދާއިރު މާސްކް އަޅައިގެން ދިއުން އަދި އާއްމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންނުކުރުން.
ހިމަބިހީ އަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުން.
އެއާޕޯޓް ޓާމިނަލް، ފެރީ ލައުންޖް، އަދި އާންމު ދަތުރުފަތުރު ކުރާ އުޅަނދުފަހަރު ފަދަ މީހުން ގިނަ، ބަންދު
ތަންތަނުގައި އަނގައާ ނޭފަތް ރަނގަޅަށް ނިވާވާނެ ހެން މާސްކުއެޅުން.
ސައިބޯނި ލައިގެން ރަނގަޅަށް އަތޮ ދޮވުން ނުވަތަ ސެނިޓައިޒްކުރުން.
ބަލިން ރައްކާތެރިވުމަށާއި ބަލީގައި ބޮޑުވަރު ވިޔަ ނުދިނުމަށް ވެކްސިނުން ރައްކާތެރިވެވޭ ބަލިތަކަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުން.
މަދިރީގެ ޒަރީއާއިން ޖެހޭ ބަލިތަކުން ރައްކާތެރިވުން:
މަދިރިހެފުމުން ރައްކާތެރިވުމަށް DEET، IR3535 ނުވަތަ Icaridin އެކުލެވޭ މަދިރި ލޯޝަން/ސްޕްރޭ ބޭނުންކުރުން
ހަށިގަނޑު ބޮޑަށް ނިވާވާގޮތައް ހެދުންއެޅުން
މަދިރިގެ ބޭނުންކުރުން
ދޮރުތަކާއި ކުޑަދޮރުތަކުގައި މަދިރިއަށް ނުވަދެވޭނެހެން ދާ ޖެހުން
ގެއާ ގޯތިތެރެއިން މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުން
މީގެ އިތުރުން އެޗްޕީއޭއިން ވަނީ އާންމު ސިއްޙަތާ ގުޅުން ހުރި މައުލޫމާތު ހޯދުމުގައި ރަސްމީ ވަސީލަތްތައް މެދުވެރިކޮށް ޙިއްޞާކުރާ މައުލޫމާތަށް ބަރޯސާވުމަށް އެދިފައެވެ.