ފިއުލް ސަޕްލައި މޯލްޑިވްސް، އެފްއެސްއެމް އިން ތެޔޮ އަޅައި ދޭ ގަޑިތަކަށް ހައްޖު ދުވަހާއި އީދު ދުވަހާއި ދިމާކޮށް ބަދަލުތަކެއް ގެނެސްފިއެވެ.
އެފްއެސްއެމް އިން އެކްސްގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނީ، މާލެއާއި އަތޮޅުތަކުގައި އެކުންފުނިން ހިދުމަތް ދޭ ފިއުލް ޝެޑްތަކާއި ތެޔޮ އަޅާ އެހެން މަރުކަޒުތަކުގެ ހިދުމަތް ދޭ ގަޑިތަކަށް ހައްޖު ދުވަހާއި އީދު ދުވަހު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން ގެނެސްފައިވާ ބަދަލުތަކަށް ބަލާލާއިރު، އެފްއެސްއެމް އިން 24 ގަޑިއިރު ހިދުމަތް ދޭ ޝެޑު ކަމަށްވާ ހުޅުމާލެ ފޭސް 1ގެ ޕެޓްރޯލް ޝެޑާއި، މާލެ ސްޓެލްކޯ ކައިރީ ހުންނަ ޝެޑު އެ ދެދުވަހު ވަކި ގަޑިތަކެއްގައި ބަންދު ކުރާ ގޮތަށް ނިންމާފައިވާ އިރު، އެތަން ހައްޖު ދުވަހު ބަންދު ކުރަން ނިންމާފައިވަނީ، ހެނދުނު 10:00 އިން މެންދުރު 14:00 އާއި ހަމައަށެވެ. އަދި އަޟްހާ އީދު ދުވަހު 6:00 އިން ފެށިގެން 14:00 އާއި ހަމައަށް ބަންދުކުރުމަށް ވަނީ ނިންމާފައެވެ. އޭގެފަހުން އާންމުކޮށް 24 ގަޑިއިރު ހިދުމަތް ދޭނެ ކަމަށް އެފްއެސްއެމްއިން ބުނެފައިވެއެވެ.
މީގެ އިތުރުން އެފްއެސްއެމްއިން ތިލަފުއްޓާއި، އައްޑޫސިޓީ ގަމުގެ އިތުރުން ތިނަދޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ހިންގާ ފިއުލް ޝެޑްތަކުން މިދުވަސްތަކުގައި ހިދުމަތް ދޭނީ، 14:00 އިން 22:00 އަށް ކަމަށާއި، މާލެ ސަރަހައްދުގައި ހުރި އީޒީ ފިލް 2 އަދި އީޒީ ފިލް 4 އިން 14:00 ފެށިގެން 23:00 އާއި ހަމައަށް ދޭނެ ކަމަށްވެސް ބުނެފައިވެއެވެ.
އެކުންފުނިން އިތުރު 8 ރަށެއްގައި ދަނީ، ހިދުމަތް ދެމުންދާ އިރު، އެ ރަށްތަކުގައި ހިދުމަތް ދޭނީ، 14:30 އިން 23:00 އަށް ކަމަށް ބުނެއެވެ.
އެފްއެސްއެމް ހިދުމަތް ދޭ ރަށްތަކަށް ބަލާލާއިރު، ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ށ. މިލަންދޫ، ރ. ދުވާފަރު، ބ. އޭދަފުށި، ފ. ނިލަންދޫ، ދ. މީދޫ އަދި ދ. ކުޑަހުވަދޫ ހިމެނެއެވެ.
އީދު ދުވަހާއި ހައްޖު ދުވަހު އެފްއެސްއެމްއިން އެއްގޮތަކަށްވެސް ނުހުޅުވާނީ، މިފްކޯގެ ފެސިލިޓީތަކުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދޭން ގާއިމްކޮށްފައިވާ ތަންތަނެވެ. އެގޮތުން ފެލިވަރާއި، ކޫއްޑޫ އަދި ސ. ހުޅުދޫމީދޫގައި ގާއިމްކޮށްފައިވާ ތަންތަން މި ދެދުވަހު ނުހުޅުވާނެ ކަމަށް އެފްއެސްއެމްއިން ބުނެއެވެ.