އެމެރިކާގެ ވައިޓް ހައުސް ހުންނަ ސަރަހައްދުގައި ސިއްރު ފުލުހުންނަށް އަމާޒުކޮށް ބަޑީގެ ހަމަލާދިން މީހަކު، ފުލުހުން ދިން ރައްދު ހަމަލާތަކުގައި މަރުވެއްޖެއެވެ.

މި ހާދިސާ ހިނގާފައި ވަނީ ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00 ޖެހި އިރުއެވެ.

އެމެރިކާގެ ސީކްރެޓް ފުލުހުން، ނެރުނު ބަޔާނެއްގައި ބުނީ، އެ މީހާ އޭނާގެ ދަބަހުން ހަތިޔާރު ނަގައި ސީކްރެޓް ސާވިސްގެ އޮފިސަރުންނަށް އަމާޒުކޮށް ބަޑިޖަހަން ފެށުމުން، ވަގުތުން ރައްދު ހަމަލާ ދިން ކަމަށެވެ.

ބަޑީގެ ހަމަލާ އަމާޒުވި އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ ފަހުން މަރުވެފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

މި ހާދިސާގައި މަގުމަތިން ދިޔަ މީހަކަށް ވެސް ބަޑީގެ ހަމަލާ އަމާޒުވެ ޒަޚަމްވެފައިވެއެވެ.

ނަމަވެސް އެއްވެސް ފުލުހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މި ހަމަލާދިން މީހަކީ އުމުރުން 21 އަހަރުގެ ނަސީރު ބެސްޓް ކަމަށް "ސީ.ބީ.އެސް" އިން ވަނީ ރިޕޯޓްކޮށްފައެވެ.

އޭނާއަކީ މީގެ ކުރިން 2025 ވަނަ އަހަރުގެ ޖުލައި މަހު ވެސް ވައިޓް ހައުސްއަށް ވަންނަން އުޅެގެން ހައްޔަރުކުރުމަށްފަހު، ނަފްސާނީ ބަލިމީހުންނަށް ފަރުވާދޭ މަރުކަޒަކަށް ފޮނުވާލާފައިވާ މީހެކެވެ.

އެ ހާދިސާ ހިނގި ވަގުތު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުންނެވީ ވައިޓް ހައުސްގެ އެތެރޭގައި އޯވަލް އޮފީހުގައި ސްޓީވަން ޗިއަންގް، ނަޓަލީ ހާޕް އަދި މާގޯ މާޓިން އާއެކުގައެވެ.

މި ހާދިސާގެ ސަބަބުން ރައީސް ޓްރަމްޕްގެ ސަލާމަތަށް އަދި ވައިޓް ހައުސްގެ އޮޕަރޭޝަނަކަށްވެސް އެއްވެސް ބުރޫއެއް އަރާފައެއް ނުވެއެވެ.

ނަމަވެސް އެ ހާދިސާއާ ގުޅިގެން ވައިޓް ހައުސް ވަގުތުން ލޮކްޑައުން ކުރިއެވެ. އެ ވަގުތު އެ ސަރަހައްދުގައި ތިބި ނޫސްވެރިންނަށް ސީކްރެޓް ސާވިސްގެ އޮފިސަރުން ރައްކާތެރިކަމަށްޓަކައި ބްރީފިން ރޫމް ތެރެއަށް ވަނުމަށް އެންގި އިރު މަންޒަރު ދުށް މީހުން ބުނާ ގޮތުގައި ގާތްގަނޑަކަށް 20 އާއި 30 އާ ދެމެދުގެ އަދަދަކަށް ބަޑީގެ އަޑު އިވިފައިވެއެވެ.

އަދި އެ ސަރަހައްދުގެ ލޮކްޑައުން އުވާލާފައިވަނީ ހޮނިހިރު ދުވަހުގެރޭ 6:46 ހާއިރުއެވެ.