ރައްޔިތުން ބުނީ ހޯހޯ ކަމަށާއި، އަބްދުﷲ ސޯދިގަށް ފުދިއްޖެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ޕީއެންސީން ވާދަކުރައްވާ ކެންޑިޑޭޓު އަހްމަދު ސައީދުގެ ކެމްޕެއިން އިފުތިތާހުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ، 2011 ވަނަ އަހަރު ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒު ކޮށް ހިންގަން ފެށުމާ އެކީގަ އިންތިހާބު ކުރެވުނު ފުރަތަމަ އައްޑޫސިޓީގެ މޭޔަރުގެ ގޮތުގައި ހިދުމަތް ކުރައްވަން ރައްޔިތުން އެފުރުސަތު ދިން ކަމަށާއި، އެހެން ނަމަވެސް ސޯދިގު ވަނީ އައްޑޫ ސިޓީއަށް ވަރަށް ބޮޑަށް އިހުމާލުވެފައި ކަމަށެވެ.
ވަޒީރު ވިދާޅުވީ، 2021 ވަނަ އަހަރުުގެ ކައުންސިލު އިންތިހާބުގައި އައްޑޫ ސިޓީގެ މޭޔަރުގެ މަގާމަށް ކުރިމަތިލެއްވުމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމުން އެ ޕާޓީގެ އާއްމު މެންބަރުން ސޯދިގަށް ނޫނެކޭ ވިދާޅުވިކަމަށާއި، އޭގެ ފަހުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުކަމަށް އޭނާ އައްޔަންކުރެވި އައްޑޫ ސިޓީގެ އުމްރާނީ ތަރައްގީގެ ކަންކަން ހިނގަމުންދާ ގޮތް ބެލުމުގެ ބޮޑު ޒިންމާ އޭނާއާ މަތިކުރެވުނު ކަމަށެވެ.
އެގޮތުން އައްޑޫ ސިޓީއަކީ އެމްޑީޕީގެ ދެ ސަރުކާރު އިންތިހާބުކުރުމަށްވެސް ވަރަށް ބޮޑު އަޣުލަބިއްޔަތަކުން ވޯޓުދިން ސިޓީއެއް ކަން ފާހަގަ ކުރައްވައި ވަޒީރު ވިދާޅުވީ، ކައުންސިލާއި މަޖިލީހުގެ ގޮނޑިތައްވެސް އެމްޑީޕީއަށްް ދީގެން އެ ރައްޔިތުން އެދޭ ތަރައްގީއާއި ބަދަލު އާދޭތޯ ވަރަށް ބޮޑަށް މަސައްކަތްކުރިކަމަށެވެ.
އެހެން ކަމުން ވަޒީރު ވިދާޅުވީ، ސޯދިގު ވަނީ އައްޑޫ ސިޓީއަށް ވަރަށް ބޮޑަށް އިހުމާލުވެފައި ކަމަށާއި، އެ އިހުމާލުގެ ފުރިހަމަ ޒިންމާ ސޯދިގު ނަންގަވަންޖެހޭނެ ކަމަށެވެ.