އެލީޓް ރަނާސް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބޭއްވި ފޯރިގަދަ ދުވުމުގެ ހަރަކާތް ކަމަށްވާ "އެލައިޑް ހުޅުމާލެ ރަން 2026" ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.
އެ ހަރަކާތްބާއްވާފައި ވަނީ އިއްޔެ ހުޅުމާލޭގައެވެ.
އެ ހަރަކާތުގެ މަގުސަދަކީ ދުޅަހެޔޮ ސިއްހަތަކާއި އިޖުތިމާއީ ރޫހު އާލާކުރުމެވެ.
އެގޮތުން އެ ދުވުމުގައި އާއިލާތަކާއި، ޕްރޮފެޝަނަލް ދުވުންތެރިންގެ އިތުރުން ކަސްރަތަށް ލޯބިކުރާ ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެފައެވެ.
މިއީ މުޖުތަމައުގެ އެއްބައިވަންތަކަން ދައްކުވައިދިން، އަދި ދުޅަހެޔޮ ދިރިއުޅުމަކަށް އާންމުން ހޭލުންތެރިކުރުވުމަށް ބޭއްވުނު ވަރަށް ކުލަގަދަ ހަރަކާތެއްގެ ގޮތުގައި އިންތިޒާމުކުރި ފަރާތުން ވަނީ ސިފަކޮށްފައެވެ.
މި ހަރަކާތް ފަރުމާކޮށްފައިވަނީ ހުރިހާ އުމުރުފުރައެއްގެ އަދި އެކި ފެންވަރުގެ މީހުންނަށް ވެސް ބައިވެރިވެވޭނެ ފަދަ ގޮތަކަށެވެ.
މައިގަނޑު ހަތަރު ކެޓަގަރީއެއް މި ދުވުމުގައި ހިމަނާފައިވެއެވެ. އެއީ ކުޑަކުދިންނާއި އާއިލާތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ އެއް މޭލުގެ ފެމިލީ ރަންއާއި، އާންމު ދުވުންތެރިންނަށް އަމާޒުކޮށްގެން ބޭއްވި ފަސް ކިލޯމީޓަރުގެ ދުވުމާއި، ތަންކޮޅެއް ދިގު ރާސްތާއަކަށް ދުވާ މީހުންނަށް ޚާއްސަ 10 ކިލޯމީޓަރުގެ ދުވުމުގެ އިތުރުން، އެންމެ ބޮޑު ސްޓެމިނާއެއް ބޭނުންވާ 21.1 ކިލޯމީޓަރުގެ ހާފް މެރަތަންއެވެ.
މި ކެޓަގަރީތަކުގައި ތަފާތު އުމުރުފުރާތަކުގެ މީހުންނާއި، އެކި ފެންވަރުގެ ފިޓްނަސް ލެވެލްތަކުގެ ދުވުންތެރިން ބައިވެރިވެފައިވާއިރު، މިއީ ސިއްހަތާއި ދުޅަހެޔޮކަން ފާހަގަކުރުމަށް ލިބުނު މުހިންމު ފުރުސަތެއް ކަމަށް ބައިވެރިން ވެސް ވަނީ ފާހަގަކޮށްފައެވެ.
ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިންގެ ރައްކާތެރިކަމަށް އިސްކަންދިނުމަކީ މިހާރު ވަރަށް ބޮޑަށް ސަމާލުކަންދެވޭ ކަމަކަށްވާއިރު، އެލައިޑް އިންޝުއަރަންސްގެ ފަރާތުން ވަނީ މި ދުވުމުގައި ނަމޫނާ ދައްކާފައެވެ.
މިގޮތުން، ރަޖިސްޓަރީކޮށްގެން ދުވި ހުރިހާ ބައިވެރިންނަށް އެލައިޑްގެ "ކޮމްޕްލިމެންޓަރީ ގްރޫޕް ޕާސަނަލް އެކްސިޑެންޓް ކަވަރ"ގެ ދަށުން ހިލޭ އިންޝުއަރެންސް ފޯރުކޮށްދީފައިވެއެވެ. މި ޚާއްސަ ކަވަރޭޖުގެ ދަށުން، ހަރަކާތް ކުރިއަށްދިޔަ ވަގުތު ދިމާވެދާނެ އެކްސިޑެންޓެއް ނުވަތަ އަނިޔާއަކާ ގުޅިގެން 100،000 ރުފިޔާއާ ހަމައަށް ބަދަލު ލިބޭނެ އިންތިޒާމު ހަމަޖައްސާފައި ވެއެވެ.
މިއީ ބައިވެރިންނަށް އިތުރު ޔަގީންކަމަކާއި ހިތްހަމަޖެހުމެއް ލިބުނު ކަމެއް ކަމަށާއި މީގެ ސަބަބުން ދުވުމަށް ފުރިހަމައަށް ސަމާލުކަން ދިނުމުގެ ފުރުސަތު ބައިވެރިންނަށް ފަހިވި ކަމަށް އިންތިޒާމުކުރި ފަރާތުން ބުނެފައިވެއެވެ.
މި ދުވުމުގެ ވާދަވެރި ކެޓަގަރީތަކުން މަތީ ވަނަތައް ހޯދި ފަރާތްތަކުގެ އަގުވަޒަންކޮށް، އެ ފަރާތްތަކަށް ވަނީ ޚާއްސަ އިނާމުތަކެއް ދީފައެވެ.
އެންމެ ދިގު ރާސްތާ ކަމަށްވާ 21.1 ކިލޯމީޓަރުގެ ހާފް މެރަތަންގެ ނަތީޖާއަށް ބަލާއިރު:
ފިރިހެން ބައި: އެއްވަނަ މުހައްމަދު ޝިފާޒް، ދެވަނަ ޔޫސުފް އިބްރާހީމް، އަދި ތިންވަނަ ތިޓިވަޓް ކޫސަކުލް.
އަންހެން ބައި: އެއްވަނަ ޕެޗަރަޓް ޗްލާޑްޓޯއީ، ދެވަނަ އައިޝަތު ޖިނާނީ އިބްރާހީމް، އަދި ތިންވަނަ އައިޝަތު ރިޝްމީ.
މީގެ އިތުރުން، 10 ކިލޯމީޓަރުގެ ދުވުމުގައިވެސް ގިނަ ބަޔަކު ވާދަކޮށްފައިވާއިރު، މި ކެޓަގަރީގެ ނަތީޖާއަކީ:
ފިރިހެން ބައި: އެއްވަނަ ހުސައިން ފަޒީލް، ދެވަނަ މުހައްމަދު އިރުފާން، އަދި ތިންވަނަ ސަތަޕޯން އައްކަތަމް.
އަންހެން ބައި: އެއްވަނަ ކަންލަޔާ ސަންކޯ، ދެވަނަ ކަމޮންވަން ކޮއެޑްނައިމޮންގްކޮން، އަދި ތިންވަނަ އަނާން އަހްމަދު ރަޝީދު.
އަދި، ފަސް ކިލޯމީޓަރުގެ ދުވުމުގެ ނަތީޖާއަށް ބަލާއިރު، މި ކެޓަގަރީންވެސް ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ފެނިފައިވެއެވެ.
ފިރިހެން ބައި: އެއްވަނަ އާއިދު އަބްދުﷲ ރިފާއު، ދެވަނަ މޫސާ ފަވާޒް، އަދި ތިންވަނަ މުހައްމަދު ފަސީލް.
އަންހެން ބައި: އެއްވަނަ ކްލާރާ ސަރީނާ އާސިފް، ދެވަނަ އައިޝަތު ރިޝްމީ، އަދި ތިންވަނަ ކިއާރާ އަފްރާހް ގާސިމް.
މި ކުލަގަދަ ހަރަކާތް ނިންމާލުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ބައިވެރިންގެ މެދުގައި ނެގުނު ގުރުއަތުން ހޮވުނު 10 ނަސީބުވެރިއަކަށް ކޮންމެ މީހަކަށް 2،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ދީފައެވެ. މިއީ މި ހަރަކާތުގެ ފޯރި އިތުރަށް ގަދަވެ، ބައިވެރިންގެ މޫނުމަތިން އުފާވެރިކަން ފެނުނު ކަމެކެވެ.
އެހެންކަމުން އެލައިޑް އިންޝުއަރަންސްއިން ވަނީ މި ހަރަކާތް މިހާ ފުރިހަމަ ގޮތެއްގައި އަދި ކާމިޔާބުކަމާ އެކު ކުރިއަށްގެންދިއުމަށް އެހީތެރިވެދިން އެލީޓް ރަނާސް މޯލްޑިވްސްއަށާއި، ހުރިހާ ބައިވެރިންނާއި، ވޮލަންޓިއަރުންގެ އިތުރުން ޕާޓްނަރުންނާއި ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ.