500 އަށްވުރެ ގިނަ ޖާގައިގެ ޕާކިންއެއް ބޮޑުތަކުރުފާނު މަގުގެ 4 ވަނަ ސެގްމަންޓުގައި ތަރައްގީކުރުމަށް ހަމަޖައްސާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ބުނެފިއެވެ.

މީޑިއާއަކަސް މައުލޫމާތުދެއްވަމުން އެމްޓީސީސީގެ ޕްރޮޖެކްޓް މެނޭޖަރު ޝަރުވަޒް އަބްދުﷲ ވިދާޅުވީ 588 ސްލޮޓްގެ ޕާކިންއެއް ސައިކަލް ޕާކުކުރުމަށް، ބޮޑުތަކުރުފާނު މަގުގެ ބޭންކް އޮފް ސިލޯން ކުރިމަތީގައި ތަރައްގީކުރަމުންދާކަމަށެވެ. އަދި 588 ސްލޮޓްގެ ޕާކިންއެއް، ހަދަނީ 1400 އަކަފޫޓުގެ ސަރަހައްދެއްގައި ކަމަށް ޝަރުވަޒް ވިދާޅުވިއެވެ.

މީގެ އިތުރުން ބޮޑުތަކުރުފާނު މަގުގެ ޖާގަ ބޮޑުކޮށް އާންމުންނަށް ފަސޭހަވާނެހެން މަގު ތަރައްގީކުރަމުންދާއިރު މަގުފެހިކުރުމަށްވެސް މިފަހަރު ހާއްސަ އިސްކަމެއް ދޭނެކަން ފާހަގަކުރައްވާ ޝަރުވަޒް ވިދާޅުވީ މަގުގެ ކުރިން ނިމުނު ސެގްމަންޓުތައް ހެދުމުގައި ލިބުނު ތަޖުރިބާއަށް ބެލުމަށްފަހު މިހާރު ހަދަމުންދާ ސެގްމަންޓުތަކުން ނަގާ ގަސްތައް އަލުން އިންދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ނަސަންދުރާ ކުރިމަތީގައާއި އެފްއެސްއެމް އޮފީސް އިމާރާތް ހުރި ސަރަހައްދުގައި މިހާރު ގަސްތައް އަލުން އިންދަފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ ބޮޑުތަކުރުފާނު މަގުގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާކަމަށެވެ. އަދި މިހާރު މަސައްކަތްކުރަމުންދާ ހުރިހާ ސެގްމަންޓުތަކެއްގެ މަސައްކަތް ނިންމުމަށްފަހު ޖޫން މަހުގެ ނިޔަލަށް މަގުއެއްކޮށް ހުޅުވާލުމަށްދަނީ މަސައްކަތްކުރަމުން ކަމަށާއި، މަގު ފުޅާކުރުމަށް ފަޅުތެރެއަށް ބައެއް ޖެއްސުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން ޝީޓްޕައިލްކުރުމުގެ މަސައްކަތުގެވެސް ބޮޑުބައެއް މިހާރު ނިމިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.

މާލޭގެ އުތުރުން ބޮޑުތަކުރުފާނު މަގަކީ ސަރުކާރުގެ އިދާރާތަކާއި، ބެންކުތަކާއި، މާލޭގެ ބާޒާރު އަދި އަމިއްލަ ގިނަ ބައެއްގެ އޮފީހާއި ވިޔަފާރިތައް ހުންނަ މާލޭގެ ކާރޫބާރޫ ބޮޑު ސަރަހައްދެކެވެ. މީގެއިތުރުން އެސަރަހައްދަކީ، މާލެއަށް އަރާފައިބާ މީހުން އާންމުކޮށް ބޭނުންކުރާ ސަރަހައްދެއްވެސްމެއެވެ. އެހެންކަމުން އެއީ ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ބޭނުންކުރާ ސަރަހައްދަކަށްވުމާއެކު އެސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރަމުންދަނީ އެކި ފިޔަވަހިތަކަށް ބަހާލައިގެންނެވެ. އަދި އެސަރަހައްދަކީ ގިނަ ބަޔަކު ބޭނުންކުރާ ސަރަހައްދެއްކަމުން އެތަނުގައި ޕާކުކުރެވޭނެ އިންތިޒާމު ހުރުމަކީ މުހިއްމުކަމެކެވެ.

މިމަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހިމެނެނީ، ލޯކަލް މާރުކޭޓުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ހިމެނޭ 5 ސެގްމަންޓުކަމަށްވީއިރު، އެއީ ޖުމްލަ 838 މީޓަރެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިޔަން ރުފިޔާއަށެވެ.