ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ނުނެގޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ، ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް އަހްމަދު ސައީދުގެ ކެމްޕޭން އިފްތިތާހުކުރުމަށް އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ެެެެ އެ ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް މިހެން ވިދާޅުވެފައި މި ވަނީ މި އަހަރު ނިމުމުގެ ކުރިން ރައީސް ޑރ. މުޢިއްޒުގެ ވެރިކަން ބަދަލުކުރާނެކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދާދިފަހުން ދައްކަވާފައިވާ ވާހަކަފުޅުތަކަށް އިޝާރަތްކުރައްވައެވެ.
އެގޮތުން އެ ކަމަށް ރައްދުދެއްވާ ޢަބްދުއްރަޙީމް ވިދާޅުވީ މަޖިލީހުގެ ތެރެއިން ސަރުކާރު ވައްޓާލުމަށް ކުރާ މަސައްކަތްތައް ކާމިޔާބުވިޔަ ނުދެއްވާނެ ކަމަށެވެ.
އަދި ދިވެހި ރައްޔިތުން ތިބީ ރައީސް ޑރ. މުޢިއްޒާއި ސަރުކާރާއެކުގައި ކަމަށް
އަބްދުއްރަހީމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީކުރުވުމުގެ ޤާބިލުކަންވެސް އިދިކޮޅު އެމްޑީޕީގައި ނެތްކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަށް ފާޑުވިދާޅުވަމުން، ޢަބްދުއްރަޙީމް ވިދާޅުވީ އައްޑޫގެ މުހިންމު ލިޔެކިޔުންތަކުގައި ހުޅުޖެހި ބައެއްގެ ކެންޑިޑޭޓަކު އެ ސިޓީގެ ރައްޔިތުން ބަލައިނުގަންނާނެ ކަމަށެވެ.
އެ ދާއިރާގެ ގޮނޑި ޙައްޤު ވަނީ ޕީއެންސީއަށް ކަމަށެވެ.
މިގޮތުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރަން ވާނީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އެއްބާރުލުންދޭނެ މެންބަރުން ކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ.
ެެއެ ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވަނީ ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ބައި އިލެކްޝަން ޕީއެންސީން ކާމިޔާބުކުރާނީ، މީގެ ކުރިން އެ ދާއިރާގެ ގޮނޑި ފުރުއްވި މުޙައްމަދު ސިނާންގެ މަސައްކަތްޕުޅާއެކުގައި ކަމަށްވެސް ވިދާޅުވެފައެވެ.