ރާއްޖެ އިން މި އަހަރު ހައްޖުގެ އަޅުކަމަށް މައްކާ އަށް ދިޔަ ހައްޖުވެރިން މާދަމާ މިނާ އަށް ދަތުރުފަށާނެ ކަމަށް އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައެވެ.
ވަޒީރު ވިދާޅުވީ، ﷲ ގެ ރަޙުމަތްފުޅުން ރާއްޖޭގެ ހައްޖުވެރިންގެ ހާލު ރަނގަޅު ކަމަށާއި، ﷲ ގެ ރަޙްމަތްފުޅާއެކު ޙައްޖުވެރިން މާދަމާ މިނާ އަށް ދަތުރުފަށާނެ ކަމަށެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، މިނާއާއި އަރަފާތުގެ ކަންކަން ހައްޖު ކޯޕަރޭޝަނުން ވަނީ ފުރިހަމަ ގޮތެއްގައި އިންތިޒާމުކޮށްފައި ކަމަށެވެ. އަދި ވަޒީރު ވަނީ، މާތް ﷲ އެންމެހައި ހައްޖުވެރިނަށް މަބްރޫރު ޙައްޖެއް ދެއްވުމަށް އެދި ދުއާ ދަންނަވާފައެވެ.
ހައްޖުގެ އަޅުކަމަށް މި އަހަރު ހައްޖުވެރިން ގެންގޮސްފައިވަނީ، 4 ފްލައިޓުގައި ކަމަށް ވީއިރު، މި އަހަރު ރާއްޖެއިން ހައްޖަށްދާ ދިވެހީންގެ ފަހު ފްލައިޓު ފުރާފައިވަނީ 19 މޭ ގައެވެ.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ބުނީ 19 މޭ ގެ ފްލައިޓުން 253 ހައްޖުވެރިން ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރިކަމަށެވެ.