ހިމަބިހީގެ އަލާމާތްތަކަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްގައި ހާއްސަ ޑެސްކެއް ގާއިމުކޮށްފިއެވެ.
އައީޖީއެމްއެޗްއިން ބުނީ، މި ދުވަސް ވަރުގައި ހިމަބިހީގެ ކޭސްތައް އިތުރުވަމުންދާތީ، ހުމާއި އެކު ރަތްކުލައިގެ ބިހީގެ އަލާމާތެއްހުރި ބަލިމީހުންނަށް ބޭނުންވާ އެހީތެރިކަން އަވަހަށް ފޯރު ކޮށްދިނުމަށްޓަކައި ބޮޑެތިމީހުންގެ ކުއްލި ފަރުވާދޭ ( މެއިން އީއާރް ) ގެ އެމްބިއުލަންސް ޕޯޓިކޯ ކައިރީގައި " ހެލްތް ޑެސްކް" އެއް ހެނދުނު 8:00 އިން ރޭގަނޑު 23:00 އަށް ގާއިމުކުރެވިފައިވާ ކަމަށެވެ.
އެގޮތުން ކުޑަ ކުދިންނާއި މާބަނޑު މީހުން ހިމެނޭހެން ހުމާއި އެކު ރަތް ކުލައިގެ ބިހި ނެގުނު ފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ޑޮކްޓަރަށް ދެއްކުމަށް ހެލްޕް ޑެސްކަށް ރިޕޯޓުކުރުމަށް އައިޖީއެމްއެޗުން ވަނީ އިލްތިމާސް ކޮށްފައެވެ.
އައީޖީއެމްއެޗުން ބުނީ، އެތަނުގެ މުވައްޒަފުން އެތަނަށް އަންނަ މީހުންނަށް ކުރިއަށްދާނެ ގޮތުގެ އިރުޝާދު ވެސް ދޭނެ ކަމަށެވެ.
މީގެ އިތުރުން އެ ހޮސްޕިޓަލުން ވަނީ، ހުމާއެކު ރަތް ކުލައިގެ ބިހީގެ އަލާމާތެއް ހުރި ބޮޑެތި މީހުންނާއި، މާބަނޑު އަންހެނުން މެއިން އެމަޖެންސީ ރޫމްގެ ޓްރިއަޖްގެ ނަރުހަށް އެކަން އެނގުމަށް ވެސް އެދިފައެވެ.
އަދި ހުމާއެކު ރަތްކުލައިގެ ބިހީގެ އަލާމާތެއް ހުރި ކުޑަ ކުއްޖެއް ނަމަ ކުޑަކުދިންގެ އެމަޖެންސީ ރޫމްގެ ޓްރިއަޖް ނަރުހަށް އެކަން އެނގުމަށް ވެސް އައިޖީއެމްއެޗް އިން ވަނީ އެދިފައެވެ.
މީގެ އިތުރުން އައިޖީއެމްއެޗުން ވަނީ ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، ހުން އައިސް ރަތް ކުލައިގެ ބިހި ނަގާފާއިވާ ބަލި މީހުން ހޮސްޕިޓަލަށް ދާއިރު މާސްކް އެޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކޮށްފައެވެ. އަދި ބަލި މީހާއާއި އެކު ވީހާވެސް މަދު ބަޔަކު ދިޔުމަށްވެސް ވަނީ އެ ހޮސްޕިޓަލުން އިލްތިމާސް ކޮށްފައެވެ.
ހިމަބިހި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ކެއްސުމާއި ގައިގައި ރަތް ބިހިތަކެއް ނެގުމާއި ލޯ ރަތްވުން ހިމެނެއެވެ. އެގޮތުން އެޗްޕީއޭއިން ވެސް ވަނީ މީގެން އެއްވެސް އާލާމަތެއް ފެނިއްޖެނަމަ، އަވަހަށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެދިފައެވެ.
އެޗްޕީއޭއިން ބުނީ ރަތް ބިހިތައް ފެނުމުގެ ހަތަރު ދުވަސްކުރިންނާއި ފަހުން ވެސް ހިމިބިހި ފެތުރުމުގެ ފުރުސަތު އޮތް ކަމަށެވެ. މިހާތަނަށް އައިއިރު މިބައްޔަށް 7 މީހަކު ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.