މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙހައްގުގެ ޤާނޫނުން އިސްތިސްނާ ކަނޑައަޅުއްވާފައިވާ ދާއިރާތަކުން މައުލޫމާތު ހޯދުމަށް ހުށަހަޅައިފައިވާ ފޯމުތައް ފިޔަވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅާފައިވާ ހުރިހާ އާރް.ޓީ.އައި ފޯމަކަށް، ހުކުރު ދުވަހުގެ ނިޔަލަށް ޖަވާބު ދެވިފައިވާކަމަށް، ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ( މުންދު) ވިދާޅުވެއްޖެއެވެ.
ކޮންމެ ހަފުތާއަކު ތަރުޖަމާނު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިއަދުގެ ބައްދަލުވުމުގައި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤާ ގުޅޭގޮތުން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މުންދު ވިދާޅުވީ، ސަރުކާރުގެ އެހެން ވުޒާރާތަކާއި އިދާރާތަކަށްވެސް، މި ގޮތަށް މަސައްކަތް ކުރެއްވުމަށް ހިތްވަރުދެއްވައި، މަޢުލޫމާތު ހޯދުމަށް ހުށަހަޅާ ފޯމުތަކަށް ޖަވާބުދިނުމަށް ބޭނުންވާ އެހީތެރިކަންވެސް، ސަރުކާރުން އެއިދާރާތަކަށް ފޯރުކޮށްދެއްވަމުން ގެންދަވާކަމަށެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އެދިވަޑައިގަންނަވަނީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 37 ވަނަ މާއްދާގައި ބަޔާންކުރާ، އަމިއްލަ އިސްނެގުމުގައި މަޢުލޫމާތު ޢާންމުކުރުމުގެ ޒިންމާ އަދާކުރުމުގައި، ސަރުކާރުން ސައްތައިން ސައްތައަށް އިޖާބަދެއްވުމަށްދާ ކަމުގައިވެސް މުންދު ވިދާޅުވިއެވެ.