މިއަހަރު ދިވެހިރާއްޖެއިން ހައްޖުގެ އަޅުކަން އަދާ ކުރެއްވުމަށް މައްކާގައި އުޅުއްްވާ ހުރިހާ ހައްޖާޖީންގެ ހާލު ވެސް ރަނގަޅު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު ޙުސެއިން މުޙައްމަދު ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ.
ކޮންމެ ހަފުތާއަކު ތަރުޖަމާނު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިއަދުގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުންދު ވިދާޅުވީ، ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރާ ގުޅުއްވައި ހައްޖާޖީންގެ ހާލަތު ހުރި ގޮތާ ބެހޭގޮތުން މިއަދު ވާހަކަ ދެއްކެވި ކަމަށެވެ.
މުނުދު ވިދާޅުވީ، އެހެން ނަމަވެސް ހައްޖުގެ އަޅުކަމުގެ ތެރޭގައި ރޯގާ ފެތުރުން އެއީ ކޮންމެ އަހަރަކުވެސް ސައުދި އަރަބިއްޔާގައި ފެތުރޭ ބައްޔެއް ކަމަށެވެ. އެހެން ކަމުން ކޮންމެވެސް ވަރަކަށް ބައެއް ބޭފުޅުންގެ ރޯގާގެ އަސަރުތައް ހުރި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް މުންދު ވިދާޅުވިއެވެ.
އެހެން ނަމަވެސް ޖުމްލަ ގޮތެއްގައި ހުރިހާ ހައްޖާޖީންގެ ހާލު ރަނގަޅު ކަމަށާއި ހާލަތުދެރަވެ އެއްވެސް ފަރާތަކަށް ފަރުވާ ދެމުން ނުދާ ކަމަށް މުންދު ވިދާޅުވިއެވެ. އަދި ހުރިހާ ހައްޖާޖީން ވެސް ހެޔޮ ހާލުގައި މި ވަގުތު ތިއްބެވި ކަމަށް ވެސް މުންދު ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖެ އިން ހައްޖަށް މިއަހަރުދާ ހުރިހާ ފަރާތް ތަކުން މިހާރު ހައްޖުގެ އަޅުކަމަށް މައްކާއަށް ގޮސްފައިވާ ކަމަށެވެ. ހައްޖުގެ އަޅުކަން މާދަމާގައި މިނާއާއި ހިސާބުން ފެށިގެން ދާނެ ކަމަށެވެ. މީގެ އިތުރުން އެހެން އަހަރު ތަކުގައި ހައްޖާޖީންނަށް ކުރިމަތިވި ބައެއް ގޮންޖެހުންތަށް ކުޑަ ކުރުމުގެ މަސަކަތް ވެސް ހައްޖު ކޯޕަރޭޝަނުން ކުރަމުން ދާކަމުގެ ޔަގީން ކަން ދީފައިވާ ކަމަށް ވެސް މުންދު ވަނީ ވިދާޅުވެފައެވެ.