ކުރީ ޒަމާނުގެ އަތޮޅު އޮފީހެއް އިޔާދައެއް ނުުރާނެ ކަމަށާއި އެއީ ސިޔާސީ މީހުން ދައްކާ ވާހަކައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއިން ކުރިއަށް ގެންދާ "ނޭޝަން ޗެޓް: ރައީސުލްޖުމްހޫރިއްޔާއާއެކު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކުރީ ޒަމާނުގައި އޮތް އަތޮޅު އޮފީސްތައް އިއާދަކުރުމުގެ ވިސްނުމެއް އެމަނިކުފާނު ނުގެންގުޅުއްވާ ކަމަށެވެ.
ރައީސް ވިދާޅުވީ، އަތޮޅުވެރިން ނުވަތަ ގަވަރުނަރުން އެ އޮފީސްތަކަށް އައްޔަން ކުރުމާއި، އަތޮޅު ކައުންސިލަރެއް އިންތިޚާބު ކުރުމާ ތަފާތެއް ނެތްކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
އަދި އެލްޖީއޭއިން އަތޮޅުތަކުގައި ޤާއިމުކުރާ އޮފީސްތަކަށް އެލްޖީއޭގެ އަތޮޅު އޮފީސްގެ ނަމުން ނަން ދޭން ލަފާ އެރުއްވީ އެ އޮތޯރިޓީން ނަންތައް ހުށަހެޅުމުން ކަމަށާއި، އެތަންތަން ހިންގުމުގެ ހުރިހާ ކަމެއްވެސް ބަލަހައްޓާނީ އެލްޖީއޭއިން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެލްޖީއޭގެ ދަށުން ހިނގާ އެލްޖީއޭގެ އޮފީހެއް، އެއީ އެތަންތާގައި ވަކިން އަދި އައްޔަން ކުރާ ސިޔާސީ ވެރިޔެއް ނުވަތަ އަތޮޅު ވެރިޔެއް ވިޔަސް އެހެން ނަމެއް ކިޔާފައެއް އެތަނަށް ނުލާނެ ކަމަށާއި އެއީ ރައީސް ކުރަން ގަސްތުކުރާ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގައި ސިޔާސީ ބޭފުޅުންނަކީ ތަނެއް ދޮރެއް ނުބަލާ ހަގީގަތެއް ވެސް ނުބަލާ ވާހަކަ ދައްކާ ބައެއް ކަމަށެވެ. އަދި އެކަމާ ރައްޔިތުން އެޔައްވުރެ ހުޝިޔާރުކަމާ އެކީގައި އެ ދައްކާ ވާހަކަ އެނެލައިޒްކޮލުން ރަގަޅު ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.