ދިވެހި ވަތަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމް ނިންމާ 63 ބައިވެރިޔަކު ދަސްވެނިވެއްޖެއެވެ.

ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމަކީ ދިވެހި ޤައުމީ ޕްރޮގްރާމުގައި ރާއްޖޭގެ 15 އަތޮޅެއްގެ 35 ރަށަކަށް ނިސްބަތްވާ 65 ޒުވާނުން ބައިވެރިވެ، މީގެ ތެރެއިން 63 ބައިވެރިޔަކު ވަނީ ތަމްރީނުތައް ނިންމާލާފައެވެ.

ދިވެހި ވަތަނީ ޚިދުމަތުގެ އަސާސީ ތަމްރީނުގެ ފުރަތަމަ ބުރުގެ 344 ބައިވެރިން ތަމްރީނު ފުރިހަމަކޮށް ދަސްވެނިވެފައި ވަނީ މިދިޔަ ޑިސެންބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

މި ފަންނީ ތަމްރީނު ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ ބ. ކިހާދޫގައި ހުންނަ ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައެވެ. ހަތަރު މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި މައިގަނޑު 6 ދާއިރާއަކުން ދަރިވަރުން ވަނީ ތަމްރީނުކޮށްފައެވެ.

މޯލްޑިވްސް ނެޝަނަލް ސާވިސްއަކީ، ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، އިސްލާމް ދީނަށް ފަރުވާތެރި، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ، ދިވެހި ރައްޔިތެއް ބިނާކޮށް، މަސައްކަތަށް އަހުލުވެރި، އަހްލާގު ރަނގަޅު، ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ރާއްޖޭގައި މުޅިން އަލަށް ފެއްޓި ހާއްސަ ވަތަނީ މަޝްރޫއެކެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބެޗުގެ ދަރިވަރުން ދަސްވެނިވީ ޑިސެމްބަރު 2025 ގައެވެ.