އެމްޑީޕީ ދޫކޮށް ދާން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވުރެ ދެރަވާނެ މީހަކު ނުހުންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރ. ދުވާފަރުގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައި އެ ރަށު އެމްޑީޕީ މެންބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީ ދޫކޮށްލުމަކީ އެމަނިކުފާނަށް ވެސް ވަރަށް ބޮޑު ހިތާމައެއް ލިބުނު ކަމެއް ކަމަށާއި، އެމަނިކުފާނުގެ މުޅި ހަޔާތަކީ އެ ޕާޓީ ކަމަށެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ވުރެ ބޮޑަށް އެ ޕާޓީގައި އަނިޔާ ލިބުނު، ގިނަ ދުވަހު މަސައްކަތް ކުރި މީހަކުވެސް ނުހުންނާނެ ކަމަށެވެ. އަދި ދުވަހަކު ވެސް އެމްޑީޕީ ދޫކޮށްލަން ބޭނުންފުޅުނުވާކަމަށް ވިދާޅުވިއެވެ.

ނަމަވެސް، ޕާޓީ ދޫކޮށްލަން ޖެހުނު ސަބަބުތައް ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބަށް ފަހު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އެ މަނިކުފާނާ ވާހަކަ ދެއްކުން ހުއްޓާލެއްވި ކަމަށެވެ. އަދި އެ މަނިކުފާނު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ތަހުގީގު ކުރިއަށް ދިޔަ ގޮތާއި، އެމަނިކުފާނާ އެންމެ ގާތްކޮށް މަސައްކަތް ކުރެއްވި މެންބަރުންނަށް ޕާޓީގެ ތެރެއިން ފިޔަވަޅު އަޅަން ފެށުމުން، އެމްޑީޕީގައި ހުންނަވަން ބޭނުންފުޅު ނުވީ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ސުވާލު ކުރީމަ އަޅުގަނޑަށް ޖެހޭނީ ޖަވާބުދޭން. 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަޅުގަނޑުމެންނަށް 65 ގޮނޑި ލިބުނީ. އެ އަހަރު ނިމުނުއިރު ރައީސް ސޯލިހު އަޅުގަނޑަކާ ދެން ވާހަކައެއް ނުދައްކާ،"

ކުރީގެ ރައީސް މުހައްމަދު ނަޝީދު

ނަޝީދު އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ ވެސް ގޯސްތަކެއް ހުރެދާނެ ކަމަށާއި، 2023 ވަނަ އަހަރު އެމްޑީޕީއާ ވަކިވާން ނިންމެވި ނިންމެވުމަށްޓަކައި އެ ޕާޓީގެ އާންމު މެންބަރުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެހެންނަމަވެސް، އެމްޑީޕީގެ މެންބަރުން ވެސް އެމަނިކުފާނުގެ ކިބައިން މައާފަށް އެދުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

އަޅުގަނޑުވެސް ގޯސް ކަންތައް ކުރީ. އެކަމަކު ތިބޭފުޅުން ވެސް އަޅުގަނޑަށް މައާފަށް އެދެން އަޅުގަނޑު ވަރަށް ބޮޑަށް އެދެން ތިބޭފުޅުން ތިބޭފުޅުން އަޅުގަނޑަށް މައާފަށް އެދެން. ހަމަ އަޅުގަނޑު ވެސް އެދެފިން. އަޅުގަނޑު އެދެފިން،"

ކުރީގެ ރައީސް މުހައްމަދު ނަޝީދު

އެމްޑީޕީގެ މެންބަރުން މައާފަށް އެދެން ޖެހޭ ސަބަބުތަކަކީ ކޮބައިކަން ނަޝީދު ފާހަގަކުރައްވާފައެއް ނުވެއެވެ. އަދި އެފަދަ ވާހަކަތައް އާންމުކޮށް ބޮޑެތި މަޖިލިސް ތަކުގައި ދައްކަވަން ބޭނުން ނުވާ ކަމަށާއި "ކޮނުނު ވަރަކަށް ފަސް ގިނަވާނެ" ކަމަށް އޭނާ ވިދާޅުވިއެވެ.