ހައްޖުވެރިންގެ އިސް ވެރިޔާ، މިނިސްޓަރ މުހައްމަދު ސައީދު ހައްޖުވެރިންނާ ބައްދަލުކުރައްވައިފި އެވެ.
މޯލްޑިވްސް ހައްޖު މިޝަން އިން އަންމުކޮށްފައިވާ ޕޯސްޓެއްގައި ބުނީ މިއަހަރު ދިވެހިރާއްޖެއިން ހައްޖުވެރިންގެ އިސް ވެރިއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ، އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާ ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ދިވެހި ހައްޖުވެރިންނާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.
ހައްޖުގެ އަޅުކަމަށް މި އަހަރު ހައްޖުވެރިން ގެންގޮސްފައިވަނީ، 4 ފްލައިޓުގައި ކަމަށް ވީއިރު، މި އަހަރު ރާއްޖެއިން ހައްޖަށްދާ ދިވެހީންގެ ފަހު ފްލައިޓު ފުރާފައިވަނީ 19 މޭ ގައެވެ.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ބުނީ 19 މޭ ގެ ފްލައިޓުން 253 ހައްޖުވެރިން ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރިކަމަށެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ މިހާތަނަށް މައްކާއަށް ދިޔަ ހައްޖުވެރިން އުމްރާގެ އަޅުކަން އަދާކޮށްފައިވާ ކަމަށާއި 19 މޭ ސައުދީއަށް ފުރި ހައްޖުވެރިންވެސް މިއަދުގެ ވަގުތެއްގައި އުމްރާަގެ އަޅުކަން އަދާކޮށް ނިންމާނޭކަމަށެވެ.
ހައްޖުވެރިންގެ ފުރަތަމަގުރޫޕް ފުރާފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުގެ 15:34 ހާއިރު ސައުދީ އެއަރލައިނުންނެވެ. އެ ފްލައިޓުގައި 238 ހައްޖާޖީން ފުރާފައިވެއެވެ.
އަދި 17 ވަނަ ދުވަހު ފުރި ހައްޖުވެރިންގެ ދެވަނަ ގްރޫޕުގައި 260 ހައްޖުވެރިން ވަނީ ސައުދީ އަރަބިއްޔާއަށް ފުރާފައެވެ.
މީގެ އިތުރުން 18 ވަނަ ދުވަހުގެ ހަވީރު ސައުދީ އެއާލައިނުގައި 268 ހައްޖުވެރިން ވަނީ ސައުދީ އަރަބިއްޔާއަށް ދިއުމަށް ފުރާފައެވެ.
ދިވެހި ހައްޖުވެރިންގެ އެންމެހާ އިންތިޒާމުތަކެއް ހައްޖު ކޯޕަރޭޝަނުން ފުރިހަމަަށް ހަމަޖައްސަވާފައިވާއިރު، ދިވެހި ހައްޖު މިޝަނުން ދަނީ ހައްޖާއި ގުޅޭ އިންތިޒާމުތައް ވަރަށް ގާތުން ބަލަމުންނެވެ.
މި އަހަރުވެސް ދިވެހި ހައްޖުވެރިން ސައުދީ އަރަބިއްޔާއަށް ދަތުރުކުރަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން، ރާއްޖެއިން ފުރުމުގެ ކުރިން ސައުދީ އަރަބިއްޔާގެ އިމިގްރޭޝަން ނިންމުމަށްފަހުގައެވެ.