ކަރަންޓު ކެނޑުނުތާ ގަޑިއިރަކަށް ވުރެ ގިނަ އިރުވީ ފަހުން މާލެ ސަރަހައްދަށް އަކުން ކަރަންޓު ދޭން ފަށައިފިއެވެ.
ސްޓެލްކޯއިން އެކްސްގައި ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހިދުމަތް މެދުކެނޑުނު މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކަށް މިހާރު އަލުން ކަރަންޓު ދެވިފައިވާ ކަމަށެވެ.
އަދި ކަރަންޓު ނުދެވި ހުރި ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް މިާރު ކުރަމުން ދާ ކަމަށެވެ.
ކަރަންޓު ކެނޑިފައިވަނީ 12 ޖެހިތަނާ އެވެ. އަލުން ކަރަންޓް ދޭން ފަށާފައިވަނީ 2 ޖަހަން ކައިރިވެފައި ވަނިކޮށެވެ .
ކަރަންޓު ކެނޑިފައިވަނީ ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ އަޕްގްރޭޑިންގ މަސައްކަތް މިއަދު ހެނދުނު ކުރުމުގެ ދިމާވި މައްސަލައަކާ ގުޅިގެންކަން ސްޓެލްކޯއިން ވަނީ ބުނެފައެވެ. އަދި ދިމާވާނެ ދަތިތަކަށް އެ ކުންފުނީން ވަނީ މަޢާފަށް އެދިފައެވެ.
ކުރިން ސްޓެލްކޯއިން ބުނެފައިވަނީ ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ އަޕްގްރޭޑިންގ މަސައްކަތް، މާލެއާއި ހުޅުމާލޭގެ އެއްވެސް ސަރަހައްދަކުން ކަރަންޓު ކަނޑާނުލާ މިއަދަށް ނިންމާލާފައިވާ ކަމަށެވެ.
ފަތިހު 3:00 އިން ފެށިގެން ހެނދުނު 8:00 އަކަށް އިންޖީނުގެ ނިއްވާލި ނަމަވެސް މާލެއާއި ހުޅުމާލެއަށް ކަރަންޓު ދިނުމުގެ މަސައްކަތް ކޮށްފައިވަނީ ހުޅުމާލޭގައި ހުރި ހައިސްޕީޑް އިންޖީނުތަކުންނެވެ.
މި އަޕްގްރޭޑިންގ މަސައްކަތުގެ ފުރަތަމަ މަރުހަލާ މިއަދު ނިންމާލެވިފައިވާ ކަމަށާއި ބާކީ ހުރި މަސައްކަތްތައް ކުރިއަށް ގެންދާނެ ތާރީޚެއް ކަނޑައެޅުމަށްފަހު ދުރާލާ އެކަން އަންގާނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.