ހިމަބިހީގެ އަލާމާތެއް ފެނިއްޖެނަމަ އަވަހަށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

މިއަދު އެޗްޕީއޭއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ހިމަބިހި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ކެއްސުމާއި ގައިގައި ރަތް ބިހިތަކެއް ނެގުމާއި ލޯ ރަތްވުން ހިމެނޭ ކަމަށާއި މީގެން އެއްވެސް އާލާމަތެއް ފެނިއްޖެނަމަ، އަވަހަށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެދިފައެވެ.

އެޗްޕީއޭއިން ވަނީ ރަތް ބިހިތައް ފެނުމުގެ ހަތަރު ދުވަސްކުރިންނާއި ފަހުން ވެސް ހިމިބިހި ފެތުރުމުގެ ފުރުސަތު އޮތް ކަމަށް ބުނެފައެވެ.

މިއަހަރުގެ މިހާތަނަށް ހިމަބިއްސަށް ފައްސިވެފައިވާ 7 ކޭސްއެއް ފެނިފައިވާ ކަމަށާއި، އެ ކޭސްތަކުގެ 74 އަށް ވުރެ ގިނަ ކޮންޓެކްޓުން ހުރި ކަމަށް އެޗްޕީއޭ އިން މީގެ ކުރިން އާންމުކޮށްފައިވާ ޕޯސްޓެއްގައިވެއެވެ.

ރާއްޖޭގައި އެމްއާރު ވެކްސިން ތައާރަފްކޮށްފައިވަނީ 1983 ވަނަ އަހަރެވެ. އެއަށް ފަހު 2017ވަނަ އަހަރު ރާއްޖެއަކީ ހިމަބިހި ނައްތައިލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައެޅިއެވެ. އެކަމަކު، އޭގެ ފަހުން ވެސް އެ ބަލި ރާއްޖެއިން ފެނިފައިވެއެވެ.