ތަމްރީނާއި ވަސީލަތް ނެތި ހޮހަޅަތަކަށް ފީނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ރެސްކިއު ޓީމުން ބުނެފިއެވެ.

ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައިގެ ތެރޭ މަރުވި އިޓަލީގެ ޑައިވަރުން ހޯދުމަށް ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ސާޗް އެންޑް ރިކަވަރީ އޮޕަރޭޝަނަށް ފަހު، މިހާތަނަށް ހޯދިފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ތައްޔާރު ކޮށްފައިވާ އިބްތިދާއީ ރިޕޯޓެއް ރެސްކިއު ޓީމުން އާންމުކޮށްފައިވާއިރު، އެ ރިޕޯޓެއްގައި ބުނެފައިވަނީ ހޮހަޅަތަކަށް ފީނުމަކީ އޭގެ ޒާތުގައި ނުރައްކާތެރި ކަމަމެއް ކަމަށެވެ.

އެހެން ކަމުން އެއީ ހަމައެކަނި އެކަމަށް ހާއްސަ ތަމްރީނު ލިބިފައިވާ އަދި ފުރިހަމަ ވަސީލަތްތައް ހުރި ފަރާތްތަކުން ނޫނީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ރެސްކިއު ޓީމުން ބުނެފައިވެއެވެ.

މީގެ އިތުރުން އެ ރިޕޯޓުގައި ވަނީ ޑައިވާސް އެލާޓް ނެޓްވޯކް (ޑީއޭއެން) އިން ދިވެހި ސިފައިން އަދި ފުލުހުންނާ ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ބައިނަލްއަގުވާމީ ފެންވަރުގެ އޮޕަރޭޝަން ކުރިއަށް ގޮސްފައިވާ ގޮތް ކިޔާދީފައެވެ.

އެއީ 4 ދުވަހުގެ އޮޕަރޭޝަނަކަށް ވީއިރު، އޮޕަރޭޝަންގެ ފުރަތަމަ ދުވަހު، ޑައިވިން ޓީމުން މައިގަނޑު ގޮތެއްގައި މަސައްކަތްކުރީ ހޮހަޅައިގެ އެތެރެ ބަލައި ފާސްކުރުމަށާއި ގެއްލިފައިވާ ފީނުންތެރިން ތިބި ތަން ދެނެގަތުމަށް ކަމަށާއި އެ މަސައްކަތް ކާމިޔާބުކަމާ އެކު އެ ދުވަހު ނިންމާލެވުނު ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ރިޕޯޓުގައި ބުނެފައި ވަނީ އޮޕަރޭޝަންގެ ދެވަނަ އަދި ތިންވަނަ ދުވަހު ޑައިވިން ޓީމުން މަރުވެފައިވާ މީހުންގެ ހަށިތައް ހޮހަޅައިގެ ތެރެއިން ބޭރަށް ނެރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ހަތަރުވަނަ ދުވަހުގެ މަސައްކަތަކަށް ވެފައި އޮތީ ހޮހަޅައިގެ ތެރޭގައި ހުރި ހުރިހާ ސާމާނުތަކާއި އާލާތްތައް ނެގުން ކަމަށާއި އެ ތަކެތި ދިވެހި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެ ބަޔާނުގައި އެ ހޮހަޅަ އޮތް ގޮތް ވަނީ ސިފަކޮށްދީފަ އެވެ. އެގޮތުން ހޮހަޅައިގެ އެތެރެއަށް ވަދެވެނީ ބޮޑު ހުސް ތަނެއްގެ ގޮތަށް އޮންނަ ފުރަތަމަ ބައިންނެވެ. މި ބައިން ފެށިގެން ދެން އޮންނަނީ ހަނި މަގަކުން ގޮސް ވަދެވޭ ދެވަނަ ބޮޑު ބަޔެވެ.

އެ ދެވަނަ ޗެމްބާއަކީ އެއްވެސް ވަރަކަށް އިރުގެ އަލިކަން ފޯރާ ތަނެއް ނޫން ކަމާއި އަދި މިތަނުގެ އަޑީގައި އޮންނަނީ ފަސޭހައިން ގުޑާ ފަދަ ވެލި ފަށަލައަކަށް ވުމުން، އެ އަށް ބުރޫއެރުމުގެ ސަބަބުން ފެންގަނޑު ކުލަބަދަލުވެ، ފެންނަ މިންވަރު ވަރަށް ބޮޑަށް ކުޑަވެގެންދާ ކަމަށް ރިޕޯޓްގައިވެ އެވެ.

ގެއްލުނު މީހުން ހޯދުމަށް ހިންގި އޮޕަރޭޝަންގައި، ޑައިވް ކުރި ޓީމަށް ދެވަނަ ޗޭމްބަރުން ނުކުމެވެން ހުރި އިތުރު މަގެއް ފެނިފައިވާ ކަން ފާހަގަކޮށް ރިޕޯޓްގައި ބުނެފައިވަނީ އެ މަގު ހުރީ އެތަނަށް ވަންނަން އޮތް މައި މަގުގެ އެއްފަރާތުގަ ކަމަށެވެ. އަދި ގެއްލިގެން ހޯދަމުންދިޔަ ހަތަރު ޑައިވަރުން ވެސް ފެނިފައިވަނީ އެ ސަރަހައްދުން ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

ރިޕޯޓްގައި ބުނި ގޮތުގައި ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ޑައިވަރުންނަށް އެނބުރި ނުކުމެވޭނެ މަގު އޮޅުނީ ހޮހަޅައިގެ ތެރޭގައި ދެވޭ ނުދެވޭ ދިމާ ވަކިކުރަން ނޭނގުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.

ހަމަމިއާއެކު މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި ހާލަތާ ގުޅޭ އިތުރު ތަފްސީލުތައް ދެނެގަނެ ހާމަކުރާނީ ފުލުހުންނާއި ކަމާބެހޭ ތަހުގީގީ އިދާރާތަކުން ކަމަށް ރިޕޯޓްގައި ބުންޏެވެ.

އެހެންކަމުން، މި ހާދިސާގެ ޝިކާރައަކަށްވި ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކަށް އިހުތިރާމްކުރުމުގެ ގޮތުން، ކަށަވަރުނުވާ މައުލޫމާތާއި އަމިއްލަ ހިޔާލުތައް ނުފެތުރުމަށް އާންމުންނަށާއި މީޑިއާތަކަށް ރެސްކިއުޓީމުން ވަނީ އިލްތިމާސްކޮށްފައެވެ.

ރިޕޯޓްގައި ތަޖުރިބާކާރު ޑައިވަރުން އިރުޝާދު ދީފައިވަނީ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ އާއި ހޮހަޅަތަކަށް ފީނުމުގެ ހާއްސަ ތަމްރީނާއި ބޭނުންވާ ފަންނީ ސާމާނު ނެތި ހޮހަޅައަށް ނުވަނުމަށެވެ.

މީހުން ހޯދުމުގެ އޮޕަރޭޝަންގައި އުޅެނިކޮށް އެމްއެެންޑީއެފްގެ ކޯސްޓްގާޑުގެ އެންމެ ތަޖުރިބާކާރު އެއް ޑައިވަރު ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ މިދިޔަ ހޮނިހިރު ދުވަހު ނިޔާވުމާ ގުޅިގެން އޮޕަރޭޝަން މެދުކަނޑާލި އެވެ. އޭގެ ފަހުން އޮޕަރޭޝަން ފެށީ ފިންލޭންޑުގެ ތަޖުރިބާކާރުން ޑައިވަރުންގެ ޓީމަކާއި އެމްއެންޑީއެފް ޑައިވަރުންނާއި ފުލުހުން ގުޅިގެންނެވެ.

މި އޮޕަރޭޝަންގައި ނަކައި ރިސޯޓް އަލިމަތާ، ވޯޓާ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑް، ފޯސައިޓް ސާވެޔާސް ޕްރައިވެޓް ލިމިޓެޑް، ފިންލޭންޑްގެ ޓެކްނިކަލް ޑައިވިން ޓީމު އަދި އިޓަލީގެ ފޮރިން މިނިސްޓްރީ ވެސް ބައިވެރިވި އެވެ.