ދައުލަތުގެ އާމްދަނީ އިތުރުވެ، 118 މިލިއަން ރުފިޔާގެ ސާޕްލަސްއެއް އައިސްފައިވާ ކަމަށް މާލީ ވުޒާރާއިން ބުނެފިއެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަރުގެ މެއި މަހުގެ 14 ގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 16.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 14.9 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.8 ބިލިއަން ރުފިޔާ ނުވަތަ 12.2 އިންސައްތައިގެ ކުރިއެރުމެކެވެ.
މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުގައި ވާގޮތުން، ދައުލަތުގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކުހުން ލިބޭ އާމްދަނީ އެވެ. އެގޮތުން ޓެކްސް އާމްދަނީގެ ގޮތުގައި 13.3 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 1.9 ބިލިއަން ރުފިޔާ ނުވަތަ 17.1 އިންސައްތަ އިތުރު އަދަދެކެވެ.
އާމްދަނީ އިތުރުވުމުގެ މައިގަނޑު އެއް ސަބަބަކީ ކޯޕަރޭޓް އިންކަމް ޓެކްސް ގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. 14 މެއި 2026 ގެ ނިޔަލަށް ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 2.0 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 637.6 މިލިއަން ރުފިޔާ ނުވަތަ 31.3 އިންސައްތައިގެ އިތުރުވުމެކެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދައުލަތުގެ ރިކަރަންޓް ހަރަދާއި ކެޕިޓަލް ހަރަދުގެ ޖުމްލަ މި މުއްދަތުގައި ހުރީ 16.7 ބިލިއަން ރުފިޔާގައެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ހޭދަވި 13.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 3.1 ބިލިއަން ރުފިޔާ ނުވަތަ 22.4 އިންސައްތައިގެ އިތުރުވުމެކެވެ. އޭގެ ތެރެއިން ރިކަރަންޓް ހަރަދު 2.6 ބިލިއަން ރުފިޔާ ނުވަތަ 21.6 އިންސައްތައިން އިތުރުވެ 14.7 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކެޕިޓަލް ހަރަދު ވަނީ 441.9 މިލިއަން ރުފިޔާ ނުވަތަ 28.8 އިންސައްތައިން އިތުރުވެ 2.0 ބިލިއަން ރުފިޔާއަށް އަރާފައެވެ.
މި މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއާއި ހިލޭ އެހީ، ކުރެވުނު ޖުމްލަ ހަރަދަށްވުރެ އިތުރުވުމުގެ ސަބަބުން، ދައުލަތުގެ ބަޖެޓުން 118.2 މިލިއަން ރުފިޔާގެ ސާޕްލަސްއެއް ރެކޯޑުކުރެވިފައިވާ ކަމަށް މާލީ ވުޒާރާއިން ބުނެއެވެ.
ހަރަދުތަކަށް ބަލާއިރު، ދަރަނި އަދާކުރުމާއި އިންޓަރެސްޓްގެ ހަރަދުތައް ހުރީ އެއްވަރެއްގައި ހިފެހެއްޓިފައި ކަން ފާހަގަކޮށް މާލީ ވުޒާރާއިން ބުނީ އެ ހަރަދުތަކަށް 2.1 ބިލިއަން ރުފިޔާ ހިނގާފައިވާ ކަމަށެވެ.
މީގެ އިތުރުން ސަބްސިޑީއަށް ކުރި ހަރަދު ވަނީ 2.3 ބިލިއަން ރުފިޔާއަށް އިތުރުވެފައި ވާކަމަށާ އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހޭދަވި 1.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 993.1 މިލިއަން ރުފިޔާ ނުވަތަ 77.8 އިންސައްތައިގެ އިތުރުވުމެއް ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މި އިތުރުވުމުގެ މައިގަނޑު ސަބަބަކީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގު އުފުލުމުގެ ސަބަބުން، ކަރަންޓު އުފެއްދުމަށް ވިއްކާ ތެލުގެ ސަބްސިޑީއަށް ހިނގި ހަރަދު ބޮޑުވުން ކަމަށް މާލީ ވުޒާރާއިން ބުނެއެވެ. އަދި ބައިނަލްއަގްވާމީ ބާޒާރުގައި ތަކެތީގެ އަގަށް އަންނަ ބަދަލުތަކުން އާންމުންނަށް ކުރާ އަސަރު ކުޑަކޮށްދިނުމުގެ ގޮތުން ސަރުކާރުން ފޯރުކޮށްދޭ ސަބްސިޑީ ގެ ސަބަބުން އަސާސީ މުދަލާއި ހިދުމަތްތަކުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށްވެސް މާލީ ވުޒާރާއިން ބުނެއެވެ.
މުސާރައާއި އިނާޔަތްތަކަށް ކުރި ހަރަދުވެސް މާލީ ވުޒާރާއިން ވަނީ އާންމުކޮށްފައެވެ. އެގޮތުން މުސާރައާއި އިނާޔަތްތަކަށް ކުރި ހަރަދު ވަނީ 5.3 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އެއީ 2025 ވަނަ އަހަރުގެ 4.8 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 477.4 މިލިއަން ރުފިޔާ ނުވަތަ 9.9 އިންސައްތަ އިތުރު އަދަދެކެވެ. މި ބަދަލު އައިސްފައިވަނީ ސަރުކާރުގެ މުސާރަތައް އެއްހަމަކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ސަބަބުން ކަމަށް މާލީ ވުޒާރާއިން ބުނެއެވެ.
އޭގެ ތެރެއިން މުސާރައާއި އުޖޫރައަށް 2.4 ބިލިއަން ރުފިޔާ ހޭދަވެފައިވާއިރު، އެއީ 13.0 އިންސައްތައިގެ އިތުރުވުމެކެވެ. އަދި މުވައްޒަފުންގެ އިނާޔަތްތަކަށް 2.1 ބިލިއަން ރުފިޔާ ހޭދަވެފައިވާއިރު، މިއީ 7.2 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ އިތުރުން ޕެންޝަނާއި ރިޓަޔާމަންޓް އިނާޔަތްތަކަށް 773.5 މިލިއަން ރުފިޔާ ހޭދަވެފައިވެއެވެ.
އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ހާމަވާގޮތުގައި، ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ، ހާއްސަކޮށް ވިޔަފާރިތަކުން ލިބޭ އާމްދަނީ އިތުރުވުމަކީ ދައުލަތުގެ މާލީ ހާލަތު ވަރުގަދަކޮށްދިން ކަމެކެވެ. އަދި މެދުއިރުމަތީގެ ހަނގުރާމައާއި ދައުލަތުގެ މުސާރަތައް އެއްހަމަކުރުމުގެ ސިޔާސަތު ތަންފީޒުކުރުމުގެ ސަބަބުން ހަރަދުތައް އިތުރުވެފައިވީ ނަމަވެސް، ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ބަޖެޓްގެ ސާޕަލްސް ދެމެހެއްޓިފައިވާ ކަމަށްވެސް މާލީ ވުޒާރާއިން ބުނެއެވެ.