އަޟްހާ އީދު ބަންދުގައި ވެސް ދިވެހި ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ބުނީ މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން ހައްޖު ދުވާހާއި އީދު ބަންދުގައި މާލެ، ހުޅުމާލެ، އައްޑޫ ސިޓީ އަދި އަތޮޅު ތެރޭގައި ހުންނަ އިމިގްރޭޝަންގެ އޮފީސްތަކުން މިހިދުމަތް ދިނުމަށް ވަކި ތާވަލެއް ކަނޑައަޅާފައިވާ ކަމަށެވެ. މިތާވަލަށް އަމަލުކުރާނީ، 29 ވަނަ ދުވަހާއި ހަމަޔަށް ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އެގޮތުން މާލެ އޮފީހުން ޕާސްޕޯޓަށް އެދި ހުށަހެޅުން އިމުގަ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ލިބޭނެ ކަމަށާއ، ޕާސްޕޯޓް ދޫކުރާނީ އާދިއްތާ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، ހެނދުނު 08:30 އިން ފެށިގެން 17:00 އަށް ކުރިއަށްދާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އަދި ހުޅުމާލޭގެ އިތުރުން އައްޑޫ އޮފީހުން 24 މެއި އިން 29 މެއި އާ ހަމައަށް ޕާސްޕޯޓު ދޫކުރުން ކުރިއަށްދާނީ ހެނދުނު 08:30 އިން ފެށިގެން ހަވީރު 16:00 އާއި ހަމައަށް ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
މީގެ އިތުރުން އިމިގްރޭޝަނުން ބުނީ، އަތޮޅުތެރޭގެ އޮފީސްތަކުގެ ތެރެއިން ހދ. ކުޅުދުއްފުށި، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ހއ. ދިއްދޫ، ލ. ފޮނަދޫ، ނ. ފުނަދޫ، ދ. ކުޑަހުވަދޫ އަދި ބ. އޭދަފުށީގައި ހުންނަ އޮފީސްތަކުން ޕާސްޕޯޓު ދޫކުރާނީ، އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ހެނދުނު 08:30 އިން 16:00 އަށް ކަމަށެވެ. މި ތަންތަނުންވެސް ހުކުރު ދުވަހު ހިދުމަތް ދޭނީ، 09:00 އިން 11:00 އަށް ކަމަށެވެ.