އަހަރުގެ މިހާތަނަށް ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓުގެ ގޮތުގައި އެއް ބިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން އާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުން ދައްކާ ގޮތުގައި، މިއަހަރުގެ މިހާތަނަށް ކައުންސިލް ގްރާންޓުގެ ގޮތުގައި 1 ބިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

މިދިޔަ އަހަރުގެ މިމުއްދަތުގައި ދޫކޮށްފައިވަނީ، 718.2 މިލިޔަން ރުފިޔާއެވެ. މިއީ، 45.7 އިންސައްތައިގެ އިތުރުވުމެކެވެ.

މި އަހަރުގެ ބަޖެޓުގައި ކައުންސިލްތަކުގެ ގްރާންޓުގެ ގޮތުގައި ޖުމްލަ 2.5 ބިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އެގޮތުން ފާއިތުވި އަހަރުތަކަށް ބަލާއިރު، 2023 ވަނަ އަހަރު 2.1 ބިލިޔަން ރުފިޔާ ބަޖެޓުކުރި ނަމަވެސް، އޭގެ އިތުރަށް 8 މިލިޔަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އަދި އޭގެފަހުން 2024 ވަނަ އަހަރުވެސް ކައުންސިލްތަކަށް 2.2 ބިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ކައުންސިލްތަކަށް ފައިސާ ދޫކުރުމުގައި އެންމެ ބޮޑު އަދަދެއް ދޫކޮށްފައިވަނީ ސިޓީ ކައުންސިލްތަކަށެވެ. އެގޮތުން މީގެ ތެރެއިންވެސް އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވަނީ، މާލޭ ސިޓީ ކައުންސިލަށެވެ.

2020 ވަނަ އަހަރުން ފެށިގެން ކައުންސިލްތަކަށް ފައިސާ ދޫކުރަނީ، ދައުލަތުގެ އާމްދަނީއަށް ބިނާކޮށް ކަނޑައަޅާ ފިސްކަލް ފޯމިއުލާއެއްގެ ދަށުން 'ބްލޮކް ގްރާންޓް'ގެ ގޮތުގައެވެ.

މިއަހަރު އަންނަ އެންމެ ބޮޑު ބަދަލަކީ އަތޮޅު ކައުންސިލްތައް އުވިގެން ދިއުން ކަމަށް ވާއިރު، މީގެ ސަބަބުން ރަށު ކައުންސިލުތަކާއި، ސިޓީ ކައުންސިލްތަކަށް ބަޖެޓުން ކުރާ ހޭދަ އިތުރުވާނެ ކަމަށް މީގެކުރިން ސަރުކާރުން ވަނީ ބުނެފައެވެ.