ޔޫރަޕްގެ ގައުމުތަކުން އެމެރިކާއާ ވަކިން އަމިއްލަ ފައިމައްޗަށް ތެދުވަން ބޭނުންވާކަން ދާދިފަހުން ހެދި ދިރާސާއަކުން ދައްކައިފިއެވެ.

ޖަރުމަނުގެ ރިސާޗް ފައުންޑޭޝަނެއް ކަމަށްވާ "ބާޓެލްސްމަން ސްޓިފްޓަންގް" އިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އިނގިރޭސިވިލާތުގެ ގާތްގަނޑަކަށް 70 އިންސައްތަ މީހުން ބޭނުންވަނީ އެމެރިކާއަށް ބަރޯސާވުން ކުޑަކޮށް، ޔޫރަޕުން އަމިއްލަ މިނިވަން މިސްރާބަކަށް ދިއުމަށެވެ.

މި ދިރާސާއަކީ އީޔޫގެ 27 ގައުމަކުން 18,000 މީހުންނާއި އިނގިރޭސިވިލާތުން 2,000 މީހުންގެ ޚިޔާލު ހޯދައިގެން ތައްޔާރުކޮށްފައިވާ ދިރާސާއެކެވެ.

މި ޕޯލްތައް ކުރިއަށް ގެންގޮސްފައި ވަނީ އުމުރުން 18 އަހަރާއި 69 އަހަރާ ދެމެދުގެ މީހުންގެ މެދުގަ އެވެ.

މި ދިރާސާގައި ބައިވެރިވި އީޔޫގެ 73 އިންސައްތަ މީހުންނާއި އިނގިރޭސިވިލާތުގެ 67 އިންސައްތަ މީހުން ގަބޫލުކުރާ ގޮތުގައި، އެމެރިކާގެ ނުފޫޒުން އެއްކިބާވެ އަމިއްލަ މިނިވަން ސިޔާސަތެއް ގެންގުޅެންވީ ވަގުތު މިހާރު ވަނީ ޖެހިފައެވެ.

ޔޫރަޕުގެ ގައުމުތަކުގެ މެދުގައި އެމެރިކާއަށް އޮތް އިތުބާރު ވެސް ދަނީ ދަށްވަމުންނެވެ. ފާއިތުވި އަހަރު އެމެރިކާއަކީ އިތުބާރު ހިފޭ ބައިވެރިއެއް ކަމަށް ގަބޫލުކުރާ މީހުންގެ އަދަދު ޔޫރަޕުގައި ހުރީ 46 އިންސައްތައަށެވެ. އަދި މި އަހަރު އެ އަދަދު ވަނީ 42 އިންސައްތައަށް ދަށްވެފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ބޮޑު ދަށްވުމެކެވެ.

މި ބަދަލު އަންނަން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެވަނަ ދައުރަކަށް ހޮވިވަޑައިގަތުމަށްފަހު ޚާރިޖީ ސިޔާސަތާއި ސަލާމަތީ ކަންކަމުގައި ގެންގުޅުއްވާ ތަފާތު ވިސްނުންތައް ހިމެނެއެވެ.

ވޭތުވެދިޔަ އެއް އަހަރު ތެރޭގައި ވިޔަފާރީގެ މައްސަލަތަކުގައާއި، ޔޫކްރޭން ހަނގުރާމައާ މެދު ދެކޭގޮތާއި، އަދި ޑެންމާކުގެ ގްރީންލޭންޑް އަތުލާނެ ކަމަށް ބުނެ އެމެރިކާއިން ދިން އިންޒާރުތަކުގެ ސަބަބުން ޔޫރަޕާއި އެމެރިކާގެ ގުޅުމަށް ވަނީ ބުރޫއަރާފައެވެ.

މީގެ އިތުރުން، ޔޫރަޕްގެ ރައްޔިތުންނަށް އެމެރިކާއިން "ބޭވަފާތެރިވެފައިވާ" ކަމުގެ އިހުސާސް ކުރެވެނީ، އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނަށް ދިން ހަމަލާއާ ގުޅިގެން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އައި ބޮޑު ލޮޅުމުގެ ސަބަބުންނެވެ. އަދި އެމެރިކާގެ ރައީސް ޓްރަމްޕް، ޖަރުމަނުގައި ތިބި އެމެރިކާ ސިފައިން ބޭލުމަށް ކުއްލިއަކަށް ނިންމި ނިންމުމަކީ ވެސް އެމެރިކާގެ އިތުބާރު ގެއްލުނު ކަމެކެވެ.

އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނަށް ދިން ހަމަލާތަކަށް ޔޫރަޕްގެ ގައުމުތަކުން ތާއީދުކޮށްފައެއް ނުވެއެވެ.

މި ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ ހަމަޖެހުން ގެއްލި، ޔޫރަޕަށް ތެލާއި ގޭސް ލިބުމަށް ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ.

ފާއިތުވި އަހަރުތަކުގައި އީޔޫގެ ސިޔާސީ ލީޑަރުންވެސް ވަނީ ވޮޝިންޓަންގެ ކިބައިން މިނިވަންކަން ހޯދުމަށް ތަކުރާރުކޮށް ގޮވާލާފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެވަނަ ފަހަރަށް ވެރިކަމާ ހަވާލުވެވަޑައިގަތުމާ އެކު މި ވާހަކަތައް އިތުރަށް ހޫނުވީ އެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން، އެމެރިކާ އިން ވަނީ ޔޫރަޕްގެ އެކުވެރި ގައުމުތަކާ މެދު އެތައްގޮތަކަށް ހަނގުރާމަ ފަށާފައެވެ.

ޔޫކްރެއިންގެ މައްސަލައަށް އެހެން ވިސްނުމެއް ގެންގުޅުމާއި، ޑެންމާކުގެ އަތުން ގްރީންލޭންޑް އަތުލާނެ ކަމުގެ އިންޒާރު ދިނުމާއި، އެމެރިކާއަށް އެތެރެކުރާ މުދަލުން ބޮޑު އަދަދަކުން ޓެރިފް ނެގުމާއި އެނޫންވެސް މައްސަލަތަކާ ކުރިމަތިލާން ޖެހިފައެވެ.

އެމެރިކާގެ ހާލަތު އިތުރަށް ގޯސްވީ އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާއާ ގުޅިގެންނެވެ.

އެހެންކަމުން ޔޫރަޕްގެ ގައުމުތަކުން ދަނީ އެމެރިކާއަށް ބަރޯސާވުން ކުޑަކުރުމަށް އަމަލީ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ޑެންމާކުން އެމެރިކާގެ "ޕެޓްރިއަޓް" މިސައިލްގެ ބަދަލުގައި ޔޫރަޕްގެ ދިފާއީ ނިޒާމެއް ގަތުމަށް ވަނީ ނިންމާފައެވެ.

އަދި ނެދަލޭންޑްސް އިން އެ ގައުމުގެ ސެންޓްރަލް ބޭންކުން އެމެރިކާގެ "އެމެޒޯން" ގެ ބަދަލުގައި ޖަރުމަނުގެ ކްލައުޑް ޚިދުމަތްދޭ ކުންފުންޏަކަށް ވަނީ ބަދަލުވެފައެވެ.

މިއީ ހަމައެކަނި ވަކިވަކި ހާދިސާތަކެއް ނޫނެވެ. މިއީ ކުރު މުއްދަތުގެ ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، ނުވަތަ ބޮޑު އަގުތަކެއް ދައްކަން ޖެހުނު ކަމުގައި ވިޔަސް، އެމެރިކާގެ ކުންފުނިތަކާ ދުރަށް ޖެހި ޔޫރަޕްގެ އުފެއްދުންތަކަށް ބަދަލުވުމަށް ކުރާ ފުޅާ މަސައްކަތެކެވެ. މީގެން ދޭ މެސެޖަކީ ވަރަށް ސާފު މެސެޖެކެވެ. އެއީ، ޔޫރަޕްގެ ރައްޔިތުންނަށް ދެން އެމީހުންގެ ސަލާމަތާއި ރައްކާތެރިކަން، އިތުބާރު ނެތް ބައިވެރިއެއްގެ އަތްމައްޗަށް ދޫކޮށްލެވެން ނެތް ކަމެވެ.

މިއީ ހަމައެކަނި އެމެރިކާގެ ވެރިކަމުގައި ހުންނަވާ ވަކި ބޭފުޅެއްގެ ސަބަބުން ދިމާވެގެން އުޅޭ ކަމެއްވެސް ނޫނެވެ. ޔޫރަޕްގެ ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން މިހާރު ސުވާލު އުފައްދަނީ އެމެރިކާގެ މުޅި ނިޒާމާ މެދުގައެވެ. ފަހަކަށް އައިސް ފެނިގެންދިޔަ ހަލަބޮލިކަމުގެ ސަބަބުން، އެމެރިކާއާއި ޔޫރަޕްގެ ގުޅުމުގެ އަސާސީ ބައެއް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

ނޭޓޯ ރޫޅިގެންދާނެ ކަމަށް ބުނުމަކީ އަދި މާ އަވަސް ވާހަކައެކެވެ. އެމެރިކާއަކީ އަދިވެސް ހުޅަނގުގެ ބާރުވެރިކަމުގެ މުހިންމު ބައިވެރިޔާއެވެ.