ދުލާއި ޤަލަމުގެ މިނިވަންކަމުގެ ހައްޤަކީ ފެހި ޤާނޫނު އަސާސީގެ ތެރެއިން ރައްޔިތުންނަށް ހޯދައިދެވުނު އެންމެ މުހިންމު އެއް ހައްޤުކަމުގައި އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ބޮޑު ބަދަލު ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޒު މިހެން ވިދާޅުވީ ދުލާއި ގަަލަމުގެ މިނިވަންކަމަކީ ހަނގުރާމަ ކޮށްގެން ހޯދުނު އެއް ހަނގު ކަމަށެވެ.

މިގޮތުން ފައްޔާޒު ވިދާޅުވީ، އެހެންނަމަވެސް މިއަދު ފެންނަމުން މިދަނީ ޙައްޤަކުން ޙައްޤަކުން އެހުރިހާ ބާރެއް ދަމައިގަންނަމުންދާ މަންޒަރުކަމަށެވެ.

އޭގެތެރޭގައި ހާއްސަކޮށް މިފެންނަނީ ބަސް ބުނުމުގެ މިނިވަންކަމާއި އަޅުގަނޑުމެން ހަޅުތާލުކުރުމުގެ މިނިވަންކަން ނިގުޅައިގަންނަތަން

އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް

މިގޮތުން ބަސް ބުނުމުގެ މިނިވަންކަން ނެތް ކަމަށް ބުނެ ފައްޔާޒު ވިދާޅުވީ އަދަދުގެ ދެ ނޫސްވެރިން ވަނީ ނުޙައްޤުން ޖަލަށްލާފައިކަމަށެވެ. މީގެ އިތުރުން ބަސް ބުނުމުގެ މިނިވަންކަން ބޭނުންކުރުމުގެ ޙައްޤު ދިފާއުކުރުމަށް ނިކުތް ފަރާތްތައްވެސް ޖަލަށްލާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ފައްޔާޒުވަނީ ހައްޔަރުކުރެވިފައިވާ ނޫސްވެރިން މިހާރުން މިހާރަށް ދޫކޮށްލުމަށް ރައީސް ޑރ. މުއިއްޒުއަށް ގޮވާލައްވާފައެވެ.

ފައްޔާޒުގެ ވިދާޅުވީ، ބޮޑު ބަދަލުގެ ނަމުގައި މިހާރު ފަށައިގެން ކުރިއަށް ގެންދާ މަސައްކަތަކީ މީގެ ވިހި ތިރީސް އަހަރު ކުރިން ކުރި މަސައްކަތް ފުރިހަމަ ކުރުމުގެ މަސައްކަތްކަމަށެވެ. މިގޮތުން އެބޭފުޅުން ކުރެއްވި ބުރަ މަސައްކަތުގައި ކުލަޖެހިގެން ދިޔަކަމުގައި ވީނަމަވެސް މިހާރު ފެންނަނީ ކޮންމެ ވެރިކަމެއް ބަދަލުވާ ފަހަރަކު ޙައްޤުތައް ނިގުޅައިގަންނަތަން ކަމުގައި އޭނާ ވިދާޅުވިއެވެ.

މިގޮތުން ޤާނޫނު އަސާސީ ޤަބޫލު ނުކުރާ ބަޔަކަށް ވެރިކަން ލިބި އެކި ސަބަބުތަކަޢްޓަކައި ހުދުމުހުތާރު ވެރިކަން ބޭނުންވާ ބަޔަކު އެބަޔަކު ބޭނުންވާ ގޮތަކަށް ޤާނޫނު އަސާސީ ބަދަލުކުރަމުންދާކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.