ދިވެހި ދައުލަތަށް ޚިދުމަތްކުރެއްވުމުގެ އިނާމު ހާސިލުކުރައްވައިފައިވާ އަލްމަރްޙޫމް ޢަލީ ޒުބައިރު ނިޔާވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.

ޢަލީ ޒުބައިރު އަވަހާރަވުމާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ

ދިވެހި ދައުލަތަށް ޚިދުމަތްކުރެއްވުމުގެ އިނާމު ހާސިލުކުރައްވައިފައިވާ އަލްމަރްޙޫމް ޢަލީ ޒުބައިރުގެ ޚިދުމަތުގެ 43 އަހަރާއި 11 މަހަށްވުރެ ދިގުމުއްދަތުގައި، މާލޭގެ މުނިސިޕަލް މަސައްކަތްތަކުގައި ގިނަ އަހަރުތަކެއް ހޭދަކުރެއްވި ކަމަށެވެ.

އަދި އެ މަނިކުފާނާއެކު މަސައްކަތްޕުޅުކުރެއްވިއިރު، ޢަލީ ޒުބައިރުގެ ފަރާތްޕުޅުން ކޮންމެ ދުވަހަކު ފެނިވަޑައިގަތީ މުރާލިކަމާއި އިޚުލާޞްތެރިކަމާއި ކަމޭހިތުމާއެކު ކަންކަން ކުރެއްވުމުގެ ރީތި ނަމޫނާ ކަމަށް ރައީސް ވިދާޅުވިއެވެ.

އަލްމަރްޙޫމް ޢަލީ ޒުބައިރުގެ ހަނދާންތައް އާކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ގާތް އަޚެއްގެ ގޮތުގައި ހެޔޮއެދިވަޑައިގެން ޢަލީ ޒުބައިރު ދެއްވި މަޝްވަރާތަކާއި އެއްބާރުލެއްވުމުގެ ހަނދާން ދުވަހަކުވެސް ނުނެތޭނެ ކަމަށެވެ.

ޢަލީ ޒުބައިރު ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ މަރްޙޫމްގެ ލޮބުވެތި ޢާއިލާއަށާއި މާލެ ސިޓީގެ ރައްޔިތުންނަށާއި މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ތަޢުޒިޔާ ދަންނަވާފައެވެ.