އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ޑަބްލިއުޑީސީ ނުވަތަ އަންހެނުންގެ ކޮމިޓީ މެންބަރުންގެ މުސާރަތައް ބޮޑުކުރަން ނެޝަނަލް ޕޭ ކޮމިޝަނުން ނިންމުމާއެކު އާންމުން ފާޑު ކިޔަން ފަށައިފިއެވެ.
އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންގެ މުސާރަ ކަނޑައަޅަން ޖެހެނީ ޕޭ ކޮމިޝަނުން ކަމަށް ލާމަރުކަޒީ ގާނޫނަށް މި ފަހުން ގެނައި އިސްލާހުގައި ވާއިރު، ޕޭ ކޮމިޝަނުން އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންގެ މުސާރަ ކަނޑައެޅުމަށް ފަހު، އެ ކޮމިޝަނުގެ ރައީސް އަދި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ މުހައްމަދު ނިމާލަށް އިއްޔެ ސިޓީއެއް ފޮނުއްވާފައެވެ.
އެގޮތުން ސިޓީތަކުގެ ޑަބްލިއުޑީސީގެ ރައީސުން އަދި މެންބަރުންގެ މުސާރަތަކަށް ބަލާލާއިރު، ސިޓީތަކުގެ ޑަބްލިއުޑީސީ ރައީސުންނަށް އަސާސީ މުސާރައިގެ ގޮތުގައި 33،000 ރުފިޔާ އަދި ލިވިން އެލަވަންސްގެ ގޮތުގައި 8،500 ރުފިޔާ، ސިޓީތަކުގެ ޑަބްލިއުޑީސީ ނައިބު ރައީސުންނަށް އަސާސީ މުސާރައިގެ ގޮތުގައި 5،000 ރުފިޔާ ލިވިން އެލަވަންސްގެ ގޮތުގައި 2،000 ރުފިޔާ، ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް 500 ރުފިޔާގެ އިތުރުން ސިޓީތަކުގެ ޑަބްލިއުޑީސީ މެންބަރުންނަށް އަސާސީ މުސާރަގެ ގޮތުގައި 4،000 ރުފިޔާ، ލިވިން އެލަވަންސްގެ ގޮތުގައި 2،000ރުފިޔާ، އަދި ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް 500 ރުފިޔާ ހިމެނެއެވެ.
މީގެ އިތުރުން ރަށްތަކުގެ ޑަބްލިއުޑީސީގެ ރައީސުން އަދި މެންބަރުންގެ މުސާރަތަކަށް ބަލާލާއިރު، ރަށްރަށުގެ ޑަބްލިއުޑީސީރައީސުންނަށް އަސާސީ މުސާރައިގެ ގޮތުގައި 16،500 ރުފިޔާ، ލިވިން އެލަވަންސްގެ ގޮތުގައި 4،500 ރުފިޔާ، ރަށްރަށުގެ ޑަބްލިއުޑީސީ ނައިބު ރައީސުންނަށް އަސާސީ މުސާރަގެ ގޮތުގައި 4،000 ރުފިޔާ، ލިވިން އެލަވަންސްގެ ގޮތުގައި 2،000 ރުފިޔާ، ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް 500 ރުފިޔާގެ އިތުރުން ރަށްރަށުގެ ޑަބްލިއުޑީސީ މެންބަރުންނަށް އަސާސީ މުސާރަގެ ގޮތުގައި 3،000 ރުފިޔާ، ލިވިން އެލަވަންސްގެ ގޮތުގައި 2،000 ރުފިޔާ، އަދި ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް 500 ރުފިޔާ ހިމެނެއެވެ.
ސިޓީތަކުގެ އަންހެނުން ކޮމިޓީ ރައީސާއިންނަށް މީގެ ކުރިން ލިބެނީ 7،000 ރުފިޔާ ކަމަށް ވީއިރު، ރަށްރަށުގެ ރައީސާއިންނަށް ލިބެނީ 6،000 ރުފިޔާ އެވެ. އެއާއެކު ސިޓީތަކުގެ އަންހެނުން ކޮމިޓީ ރައީސާއިންގެ މުސާރަ މި ވަނީ 34،000 ރުފިޔާ ބޮޑުވެފައެވެ. އަދި، ރަށްރަށުގެ ރައީސާއިންގެ މުސާރަ ވެސް ވަނީ 15،000 ރުފިޔާ ބޮޑުވެފައެވެ.
މި ބަދަލާއެކު އަހަރަކަށް ބަލާނަމަ ސިޓީތަކާއި ރަށްތަކުގެ ޑަބްލިއުޑީސީތަކުގެ މުސާރައަށް ޖުމުލަ 79 މިލިއަން ރުފިޔާ ހޭދަވާނެއެވެ. އެހެންކަމުން އާންމުންގެ މެދުގައި ވަނީ މުސާރަތަކާ ގުޅިގެން ކަންބޮޑުވުން އުފެދިފައެވެ.
އަންހެނުން ކޮމިޓީ މެންބަރުންގެ މުސާރަ ބޮޑުކުރުމަކީ ރައީސް ވެ ވަޑައިގެންފައިވާ ވައުދުފުޅެކެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީސް ކެމްޕޭން ތެރޭ ވަނީ މަޖިލީހުގެ މެޖޯރިޓީ ލިބިވަޑައިގެންފި ނަމަ އަންހެނުން ކޮމިޓީ ބާރުވެރިކޮށް، ބަޖެޓު ދެގުނަކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގަންނަވާފައެވެ.