ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައަކަށް ޑައިވިނަށް ގޮސް އުޅެނިކޮށް މަރުވި އިޓަލީވިލާތުގެ ޑައިވަރުން ހޯދުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ެއެ ހޮހަޅައިގެ ތެރެއިން ތަޙުޤީޤަށް ބޭނުންވާ ސާމާނު ނަގައި އޮޕަރޭޝަން ނިންމާލާފައިވާ ކަމަށް ކަނޑުގެ އަޑީގެ ދިރާސާތަކާއި ޑައިވިންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމްއިއްޔާއެއް ކަމަށްވާ ޑައިވާޒް އެލާޓް ނެޓްވާކް- ޔޫރަޕް (ޑޭން) އިން ބުނެފިއެވެ.
މި މަހުގެ 14 ވަނަ ދުވަހު ހިނގި އެ ހާދިސާގައި ޑައިވިނަށްގޮސް އުޅެނިކޮށް މަރުވެފައި ވަނީ އިޓަލީއަށް ނިސްބަތްވާ 5 ފަތުރުވެރިންނެވެ.
އެއީ ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން، 51، އަދި ހަމަ އެ ޔުނިވާސިޓީގެ ދަރިވަރެއްކަމަށްވާ އޭނާގެ އަންހެން ދަރިފުޅު ޖޯޖިއާ ސޮމާކަލް، 20، އާއި އެ ޔުނިވާސިޓީގެ 2 ދިރާސާވެރިން ކަމަށްވާ މިއުރިއަލް އޮޑެނީނޯ އާއި ފެޑެރިކޯ ގުއަލްޓިއޭރީ، 31، އަދި ޑައިވިން އިންސްޓްރަކްޓަރެއް ކަމަށްވާ ގިއަންލޫކާ ބެނެޑެޓީ، 41 އެވެ.
ޑޭން އިން ފޮނުވި ފިންލެންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުން ދިވެހި ސިފައިންނާއި ފުލުހުންނާ ގުޅިގެން ކުރި މަސައްކަތުން މިހާރު ވަނީ ގެއްލުނު ޑައިވަރުންގެ ހަށިގަނޑުތައް ކަނޑުއަޑިން ނަގާފައެވެ.
އެ މީހުން ހޯދަން އުޅުމުގެ ތެރޭގައި ދިވެހި ސިފައިންގެ ޑައިވަރަކު ވެސް ވަނީ ނިޔާވެފައެވެ.
އިޓަލީ ޑައިވަރުންގެ ހަށިގަނޑުތައް ނެގުމަށް ހިންގި ބައިނަލްއަޤުވާމީ އޮޕަރޭޝަންގެ ކަނޑު އަޑީގެ މަސައްކަތް، ހަތަރު ދުވަހަށް ފަހު ޑޭން ޔޫރަޕުން ރޭ
ނެރުނު ބަޔާނެއްގައި ބުނީ އިއްޔެ ކުރި ފަހު ފީނުމުގެ ބޭނުމަކީ ހޮހޮޅައިގެ ތެރޭގައި ހަރުކޮށްފައި ހުރި ގައިޑް ލައިންތަކާއި، އޮޕަރޭޝަނުގައި ބޭނުންކުރި ސާމާނު ނަގައި، ހޮހޮޅައިގެ ތެރެ ކުރިން އޮތް ހާލަތަށް ރުޖޫއަކުރުމުގެ މަސައްކަތް ކުރުން ކަމަށެވެ.
އަދި ތަޙުޤީޤާ ގުޅުން ހުރި ތަކެތި ނަގައި ދިވެހި ފުލުހުންނާ ހަވާލުކޮށްފައިވާކަމަށް ވެސް އެ ޖަމިއްޔާގެ ބަޔާނުގައި ބުނެފައި ވެއެވެ.
މި ހާދިސާއާ ގުޅިގެން އިޓަލީ ސަރުކާރާއި ދިވެހި ސަރުކާރުން ވެސް އަންނަނީ އެ ހާދިސާގެ ތަހުގީގެއް ހިންގަމުންނެވެ.