އަދަދު ނޫހުން އުފެއްދި ޑޮކިޔުމެންޓްރީގެއާއި ގުޅުވައިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ގުޅޭ ހަބަރެއް ލިޔުނު އަދަދުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރަށް ކުރި ޖަލު ހުކުމް ތަންފީޒުކޮށް ނިންމައި މިއަދު މިނިވަންވެއްޖެއެވެ.
ލީވާން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މޭ 12، 2026 ގައެވެ. އެހެންކަމުން އޭނާގެ 10 ދުވަހުގެ ޖަލު ހުކުމުގެ މުއްދަތު މިއަދަށް ވަނީ ހަމަވެފައެވެ.
އެ އަމުރު ނެރުނުކަމުގެ ޚަބަރު ލިޔުމާ ގުޅިގެން، ކޯޓުގެ ހުރުމަތް ކެނޑިކަމަށް ކަނޑައަޅައި ލީވާން 10 ދުވަހަށް ޖަލަށްލުމުގެ އިތުރުން 10،000 ރުފިޔާއިން އޭނާ ޖޫރިމަނާކުރުމަށް ކޯޓުން ނިންމިއެވެ.
ލީވާންގެ އިތުރުން، ހަމަ އެ މައްސަލައިގައި ޖަލަށްލި މުހައްމަދު ޝަހުޒާން 15 ދުވަހަށް ޖަލަށްލުމަށާއި 25،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ޝަހުޒާންގެ މައްޗަށް މި ހުކުމް އައީ، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯޓު އަމުރާ ހިލާފަށް ރައީސް ޑރ. މުޙައްމަދު މުއިއްޒާ ސުވާލުކުރި ކަމަށް ކަނޑައަޅައެވެ.