އެމްޑީޕީ ބަދަލުކޮށް ވަރުގަދަ ކުރާނެ ކަމަށާއި އޭގެ އިތުރުން ރާއްޖޭގެ ވެރިކަން އަނެއްކާ ވެސް ބަދަލުކުރުމުގެ މުގުލުގައި އޮންނާނީ ވެސް އެ ޕާޓީ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކެމްޕެއިން ކުރައްވަން އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމްޑީޕީ އަށް ނޫން ބަޔަކަށް ރާއްޖެ އަށް ބަދަލެއް ނުގެނެވޭނެ ކަމަށާއި ވެރިކަން ބަދަލުކުރުމަކީ ކުރަން އެނގިވަޑައިގަންނަވާ ކަމެއް ކަަމަށެވެ.

އެ މަނިކުފާނަށް ވެރިކަން ބަދަލުކުރަން އިނގޭ ކަމަށާއި އެކަން އެތައް ފަހަރު ކޮށްފައިވާނެ އެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތާގައި އެކަން ކުރަން އިނގޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ރައީސް ވިދާޅުވީ މިއީ ކިބުރުވެރިކަމާއި އެކު ދައްކާ ވާހަކައެއް ނޫން ކަމަށެވެ. އަދި އެ މަނިކުފާނު ނޫން މީހަކު އެމްޑީޕީއާ އެކު އެ މަސައްކަތް ކުރައްވަން ހުންނެވި ނަމަ ގާނާގެ ވެރިރަށް އާކްރާގައި ނުވަތަ ގޭގައި ހުންނަވަން މާ ފަސޭހަފުޅު ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"ވެރިކަމެއް ބަދަލެއް ނުކުރެވޭނެ އަޅުގަނޑާއި ރައީސް ޔާމީނާއި ރައީސް ސޯލިހާ މޭޒެއް ދޮށުގައި ތިބެގެނެއް."

ވެރިކަން ބަދަލު ކުރެވޭނީ އެމްޑީޕީގެ ކޮންމެ މެމްބަރަކު އެކަމަށް ތެދުވެގެން ކަމަށާއި އެ މަސައްކަތް ކުރެވޭނީ އެމްޑީޕީއާ އެކުގައި ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެކަމަށް ޓަކައި ރާއްޖޭގެ ރައްޔިތުންގެ ވިންދު ހުރި ގޮތް އެމްޑީޕީ އަށް އެނގި، އެއީ އެމްޑީޕީގެ ވިންދަށް ވާން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.