އިނގިރޭސިވިލާތުން ދިވެހި ކަނޑުމަހަށް ޓެރިފް ކަނޑާލުމަކީ ދިވެހި މަސްވެރިކަމުގެ ސިނާޢަތަށް ލިބުނު ކުރިއެރުމެއް ކަމަށް މޯލްޑިވްސް ސީފުޑް ޕްރޮސެސަރސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަން (އެމް.އެސްޕީ.އީ.އޭ) އިން ބުނެފިއެވެ.
އިނގިރޭސިވިލާތުގެ ޓްރޭޑް ޓެރިފް ގައިޑްލައިން އޮން ޑިއުޓީ ސަސްޕެންޝަން އަދި އޮޓޮނޮމިކް ޓެރިފް ކޯޓާގެ ދަށުން ދުނިޔޭގެ އެކި ކަންކޮޅުތަކުން އިމްޕޯޓް ކުރާ މުދަލުގެ ތެރޭގައި ދިވެހި ޓޫނާގެ އުފެއްދުންތައް ހިމެނުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަށް އެ އެސޯސިއޭސަން އިން ވަނީ މަރުހަބާ ކިޔާފައެވެ.
އިނގިރޭސިވިލާތުން އެޅި ޓެރިފް ކަނޑާލުމުގެ ފިޔަވަޅުތަކުން ފައިދާލިބޭ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތެރެކުރާ މުދަލުގެ ތެރޭގައި ރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތައް ހިމެނުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ނިންމެވި ނިންމެވުމަށް އެޤައުމުގެ ސަރުކާރަށް ޝުކުރު އަދާކުރާ ކަމަށް އެސޯސިއޭސަންއިން ބުންޏެވެ.
އިނގިރޭސިވިލާތުގެ ސަރުކާރުން ބުނީ މި ޑިއުޓީ ސަސްޕެންޝަންތަކުގެ ބޭނުމަކީ ދުނިޔޭގެ ބާޒާރުގައި ވާދަވެރިކަން ދެމެހެއްޓުމަށް އެހީތެރިވެދިނުން ކަމަށެވެ. ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް މީގައި ހިމެނުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
އަދި، ޓެރިފް އެރޭންޖްމަންޓްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، ދިވެހި ސަރުކާރުން އިނގިރޭސިވިލާތާއެކު މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އެ އެސޯސިއޭޝަނުން ނެރުނު ބަޔާނުގައިވެއެވެ.
މީގެ އިތުރުން، ރާއްޖޭގެ މަސްވެރިންނާއި، ސީފުޑް އެކްސްޕޯޓްކުރާ ފަރާތްތަކާއި، މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒާއި ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ވެދެއްވާފައިވާ އެހީތެރިކަމަށް އެ އެސޯސިއޭޝަނުން ވަނީ ޝުކުރު އަދާކުރައްވާފައެވެ. ރާއްޖެއިން ސީފުޑް އެކްސްޕޯޓްކުރާ މިންވަރު އިތުރުކުރުމަށާއި، ބައިނަލްއަޤްވާމީ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކަކީ ވަރަށް މުހިންމު ބައެކެވެ. އަދި މި ލަނޑުދަނޑި ޙާޞިލުކުރުމުގައި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކުގެ އަގު ވަޒަން ކުރުމަށް އެމް.އެސް.ޕީ.އީ.އޭ އިން ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.