ދެ އަހަރާއި ބައިގެ މުއްދަތުގައި މި ސަރުކާރުން 12،000 އަށްވުރެ ގިނަ ބިދޭސީން މިހާތަނަށް ޑީޕޯޓުކޮށްފައިވާނެ ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދެ އަހަރާއި ބައިގެ މުއްދަތުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ޑީޕޯޓުކުރީ ގަވައިދާ ހިލާފަށް އުޅުނު 2،600 ބިދޭސީން ކަމަށެވެ. އަދި މި ސަރުކާރުން 12،000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްފައިވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ކުރީގެ އެއްވެސް ސަރުކާރަކުން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނެތް ކަމަށާއި، އެއީ ހަގީގަތް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން އެ މައްސަލަ ހައްލުކުރުމަށްޓަކައި މި ސަރުކާރުގެ ދެ އަހަރާއި ބައިގެ މުއްދަތުގައި ކޮށްފައިވާ މަސައްކަތް ރަނގަޅު ކަން ފާހަގަކުރައްވާ ރައީސް ވަނީ ބައެއް ތަފާސްހިސާބުތައް އާންމުކުރައްވައިފައެވެ.
އެގޮތުން، ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރު އޮތް އިރު ގެނައި ބިދޭސީންގެ އެއްވެސް މައުލޫމާތެއް އެއްކުރެވިފައިނުވާ އިރު، ޖެހިގެން އައި ސޯލިހުގެ ސަރުކާރުން 27،200 ބިދޭސީއެއްގެ މައުލޫމާތު އެއްކުރި ކަމަށް، ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ކުރީ ދެ ސަރުކާރުގެ ދެ އަހަރާއި ބައިގެ މުއްދަތާއި މި ސަރުކާރުގެ ދެ އަހަރާއި ބައިގެ މުއްދަތު އަޅާކިޔާއިރު، ޔާމީންގެ ސަރުކާރުގައި އެ މުއްދަތުގައި އެއްވެސް ބިދޭސިއަކު ޑީޕޯޓުކޮށްފައި ނުވާއިރު، ސޯލިހުގެ ސަރުކާރުން 2،600 ބިދޭސިއަކު ގަވައިދާ ހިލާފުވެގެން ޑީޕޯޓުކުރި ކަމަށެވެ.
މީގެ ކުރިން، މި މަހުގެ ނުވަވަނަ ދުވަހު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވަނީ ރަށްރަށުގައި 2،800 އެއްހާ ބިދޭސީން އަދިވެސް މައުލޫމާތު ނުދީ އެބަ ތިބި ކަން ފާހަގަކުރައްވާ އެ ބިދޭސީން ހޯދައި ކުރިއަށް އޮތް ހަ މަހުގެ ތެރޭ އެ މީހުންގެ ގައުމުތަކަށް އަނބުރާ ފޮނުވައިލާނެ ކަމަށް ވިދާޅުވެފައެވެ.