ލޯކަލް ކައުންސިލްތަކުގެ ރައީސުންނާއި މެންބަރުންގެ މުސާރަ މިހާރަށްވުރެ ބޮޑުކުރުމަށް، މަޖިލީހަށް ހުށަހަޅައިފިއެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ވަނީ ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމުގެ މައްސަލަ މަޖިލީހުގެ ކަމާބެހޭ ކޮމިޓީ މެދުވެރިކޮށް ދިރާސާކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
އެގޮތުން އޭނާ ވަނީ ކައުންސިލްގެ ރައީސަށް 45،000 ރުފިޔާގެ މުސާރައެއް އަދި ނައިބުރައީސަށް 35،000 ރުފިޔާ އަދި ކައުންސިލް މެންބަރަކަށް 25،000 ރުފިޔާ މުސާރައިގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް ހުށަހަޅުއްވާފައެވެ.
އެ ބަދަލު ގެންނަން ހުށަހެޅުއްވި މައިގަނޑު ސަބަބެއްގެ ގޮތުގައި މެންބަރު މުހައްމަދު އިބްރާހިމް ފާހަގަކުރެއްވީ، ކައުންސިލްތަކުގެ އިދާރީ ބައެއް މުވައްޒަފުންގެ މުސާރަ، ރައްޔިތުންގެ ސީދާ ވޯޓުން އިންތިހާބުކޮށްފައި ތިބޭ ކައުންސިލަރުންނަށްވުރެ ބޮޑުވުމެވެ. މިގޮތުން ކައުންސިލްގެ ރައީސަށްވުރެ ސެކްރެޓަރީ ޖެނެރަލްގެ މުސާރަ ބޮޑުކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ކައުންސިލުގެ ނައިބުރައީސަށްވުރެ ކައުންސިލް އެގްޒެކެޓިވްއެއްގެ މުސާރަ ބޮޑުކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
އެކަމުގެ ސަބަބުން ކައުންސިލަރުންނަކީ އިދާރީ މުވައްޒަފުންނަށްވުރެ ދަށް ފަންތީގެ ބައެއްގެ ގޮތުގައި ބެލެވޭކަމަށާއި އެއީ އިންތިހާބީ އޮފިޝަލުންގެ ބާރުވެރިކަމަށް އުނިކަން އައިސް، އިދާރީ މުވައްޒަފުން މެދުވެރިކޮށް ކަންކަން ތަންފީޒުކުރުމަށް ދަތިތަކާ ކުރިމަތިވާ ކަމެއް ކަމަށް މެންބަރުގެ ސިޓީގައި ފާހަގަކުރެެއްވިއެވެ.
މެންބަރު މުހައްމަދު އިބްރާހީމް އެ ހުށަހެޅުން މަޖިލީހަށް ހުށަހަޅުއްވާފައިވާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ މުސާރަ ބޮޑުކުރަން ނޭޝަނަލް ޕޭ ކޮމިޝަނުން ވަނީ ނިންމާފައެވެ.
މިގޮތުން މިހާރު ކޮމިޓީތަކުގެ ރައީސާއިންނަށް މުސާރައިގެ ގޮތުގައި މަހަކު 6،000 އާއި 7،000 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭއިރު ޕޭ ކޮމިޝަނުން ވަނީ ސިޓީތަކުގެ އަންހެނުންގެ ކޮމިޓީ ރައީސުންގެ މުސާރަ 41,500 ރުފިޔާއަށް އަދި ރަށްރަށުގެ ކޮމިޓީ ރައީސުންގެ މުސާރަ 21,000 ރުފިޔާއަށް ބޮޑުކުރަން ނިންމާފައެވެ.